ENGLISH
19 ޑިސެމްބަރު 2025
ރައީސް ދެއްވީ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންތަކެއް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން
19 ޑިސެމްބަރު 2025
|
މިރޭގެ ބައްދަލްވުން ކުރިއަށް ދަނީ --
ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއިއެކު މިރޭ ބޭއްވެވި ބައްދަލްވުމުގައި ރައްޔިތުންގެ ފަރާތުން ހާމަކުރެއްވި ހުރިހާ ވާހަކަތަކެއް ވަރަށް ރަނގަޅަށް އަޑުއެއްސެވި ކަމަށާ އެ ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންްތަކަށް ޙައްލު ހޯއްދަވައި ދެއްވާ ވީ އެންމެ ފުރިހަމައަކަށް މައްސަލަތައް ޙައްލުކޮށް ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.
ފޭސް ދޭއްގެ ރައްޔިތުންނާއިއެކު މިރޭ ބޭއްވެވި ބައްދަލްވުމުގައި ތިން ގަޑިއެއްހާއިރު ރައީސް އިންނެވީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށެވެ. އެކި ފިކުރުގެ ރައްޔިތުން ތަފާތު އެކި ޝުއޫރުތަކާއި ޚިޔާލުތަކާއި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރެއްވި އެވެ.
އެ ހުރިހާ ވާހަކަތަކެއް ނޯޓްކުރައްވާ ވަރަށް ކަނުލާ އެއްސެވިކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައްދަލްވުމުގައި ރައްޔިތުންގެ ފަރާތުން ހާމަކުރެއްވި ހުރިހާ ކަންބޮޑުވުންްތަކަށް ޙައްލު ހޯއްދަވައި ދެއްވާ ވީ އެންމެ ފުރިހަމައަކަށް މައްސަލަތައް ޙައްލުކޮށް ދެއްވާނެ ކަމަށެވެ.
އެގޮތުން ފޭސް ދޭއްގެ މަގުތައް ތަރައްޤީ ކުރުމާއި އިތުރު ސުކޫލުތައް ހެދުމާއި މިސްކިތްތައް ބިނާކުރުމާއި ޕާކުތައް ތަރައްޤީކޮށް މޫދަށް އެރޭ ސަރަޙައްދެއް ނެތުން ފަދަ މައްސަލަތައް ޙައްލުކޮށް ދެއްވާނެ ކަމަށެވެ. އަދި އެ އަވަށުގެ ސެކިއުރިޓީ ރަނގަޅު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
"އެެހެން ކަމުން ކުރިއަށް އޮތްތާގައި ހުރިހާ މައްސަލަތަކެއް, އެއީ ސެކިއުރިޓީ ގޮތުން ވިޔަސް އަދި މެއިންޓަނަންސްގެ ގޮތުން ކަމުގައިވިޔަސް ހުރިހާ ކަމެއް ރަނގަޅުކޮށް ދިނުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ,"
ރައީސް ވަނީ ފޭސް ދޭއްގައި ހުރި ފްލެޓްތަކާއި ގުޅޭ މައްސަލަތައް ވެސް ހައްލުކޮށް ދެއްވާނެ ކަމަށެވެ. އެ ގޮތުން ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް އޭޕްރީލަށް މުޅީން ނިންމާލެވޭނެ ކަމަށާ މިހާރުވެސް ހަ ޓަވަރެއްގައި އިތުރު ލިފްޓް ހަރުކޮށް ނިމިފައިވާ ކަމަށެވެ.
ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވީއެންމެ ފުރިހަމައަކަށް އެ މައްސަލަތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.