ENGLISH
19 ޑިސެމްބަރު 2025
ވެލިދޫ ޖޫނިއަރ ކޮލެޖުގެ ކޮންކްރީޓް މަސައްކަތް ނިމުމަކާ ގާތަށް
19 ޑިސެމްބަރު 2025
|
ވެލިދޫގައި ތަރައްގީކުރަމުންދާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
ނ. ވެލިދޫގައި ތަރައްގީކުރަމުންދާ ޖޫނިއަރ ކޮލެޖް މަޝްރޫޢުގެ ކޮންކްރީޓް މަސައްކަތްތަކުގެ 97 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެގޮތުން، އެމްޓީސީސީ އިން ބުނީ، ޖޫނިއަރ ކޮލެޖުގައި މިހާރު ކުރިއަށްދާ ފުރާޅު ޖެހުމުގެ މަސައްކަތުގެ 68 އިންސައްތަ ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ 53 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.
މީގެ ދެ އަހަރެއްހާ ދުވަސްކުރީން، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ވެލިދޫގައި ޖޫނިއަރ ކޮލެޖު ތަރައްގީކުރުމަށް މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 11.91 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫޢުގެ ދަށުން، 10،276 އަކަ ފޫޓުގެ ސަރަހައްދެއްގައި 2 ކްލާސް ރޫމާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީއާއި 2 ވޯކްޝޮޕް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ.
ވެލިދޫގައި ކުރިއަށްދާ ޖޫނިއަރ ކޮލެޖުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު އެތަކެއް ޒުވާނުންނަކަށް ފަހިވެގެންދާނެ އެވެ. އަދި، މިކަމުގެ ސަބަބުން، ރަށުގެ އުފެއްދުންތެރިކަން އިތުރުވެ، ތައުލީމީ ގާބިލު ޒުވާން ޖީލެއް އުފެދިގެންދާނެ އެވެ.
ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފޯރުކޮށްދިނުމާއި އެކި ރަށްރަށަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާކަމެކެވެ. އެގޮތުން، މިޖޫނިއަރ ކޮލެޖުގެ މަސައްކަތަކީ ދިވެހި ދައުލަތުން މަތީ ތައުލީމު ކުރިއެރުވުމަށް އަމާޒުކޮށް ކުރިއަށްގެންދާ ވަރަށް މުހިއްމު ޕްރޮޖެކްޓެކެވެ.