ENGLISH

19 ޑިސެމްބަރު 2025

Advertisement

ވަޢުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓްތަކަށް ދެލައްކަ ރުފިޔާގެ ޑިސްކައުންޓް ދޭނެ: ރައީސް

19 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --

ވަޢުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓްތަކަށް ދެލައްކަ ރުފިޔާގެ ޑިސްކައުންޓް ދެއްވާނެ ކަމަށާ އެކަމާއި ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިންް ތެރޭ ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް އެމަނިކުފާނު ފުއްދަވާނެ ކަމަށެވެ. އެގޮތުން ވަޢުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓްތަކަށް ދެލައްކަ ރުފިޔާގެ ޑިސްކައުންޓް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާފައި އޮންނާނެ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ދިނުމުގެ ކަންތައް. އެކަންތަައްވެސް އަޅުގަނޑު ދެންނެވި ގޮތަށް އެކަން ކުރުމަށްޓަކައި އަޅުގަނޑު އެޗްޑީސީގައި މިހާރު އޮންނާނީ ދަންނަވާފައި," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޑިސްކައުންޓް ދިނުމަށް އެގްރީމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ އެވެ. އަދި އެގްރީމަންޓަށް ބަދަލު ގެންނައިރު އާންމުންގެ ކަންބޮޑުވުންތަކަށް ބައްލަވާނެ ކަމަށެވެ.

"ތިބޭފުޅުންގެ އެގްރީމަންޓް ބަދަލުވެގެންދާއިރު މިހާރު ތި ވިދާޅުވި ކަންބޮޑުވުންތައް އެއީ އަޅުގަނޑު ބަލާނެ ކަންތައްތައް. އެ ދެލައްކަ ރުފިޔާ އަޅުގަނޑު ދެންނެވި ގޮތަށް އެކަން އުނިކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ކޮށްދޭނަން," ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއިއެކު މިރޭ ބޭއްވެވި ބައްދަލްވުމުގައި ރައްޔިތުންގެ ފަރާތުން ހާމަކުރެއްވި ހުރިހާ ވާހަކަތަކެއް ވަރަށް ރަނގަޅަށް އަޑުއެއްސެވި ކަމަށާ އެ ރައްޔިތުންގެ ހުރިހާ ކަންބޮޑުވުންްތަކަށް ޙައްލު ހޯއްދަވައި ދެއްވާ ވީ އެންމެ ފުރިހަމައަކަށް މައްސަލަތައް ޙައްލުކޮށް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު