ENGLISH

18 ޑިސެމްބަރު 2025

Advertisement

ސިއްހީ ގޮތުން ހުވަދޫ ރީޖަންއަށް އަންނަ އަހަރަކީ، އުއްމީދީ އަހަރަކަށްވާނެ: އޭއެސްއެމް ހޮސްޕިޓަލްގެ ސީއީއޯ

17 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ސިއްހީ ގޮތުން ހުވަދޫ ރީޖަންއަން އަންނަ އަހަރު ވެގެންދާނީ އުއްމީދީ އަހަރަކަށް ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ގެ ސީއީއޯ އަހުމަދު އަޝްރަފް ވިދާޅުވެއްޖެ އެވެ.

ފާއިތުވި ދެ އަހަރު އެ ހޮސްޕިޓަލްއަށް އައިސްފައިވާ ކުރިއެރުންތަކާ އަދި ރޭވިފައިވާ މުހިއްމު ގިނަ މަޝްރޫއުތައް  ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން އަޝްރަފް ވިދާޅުވީ ވޭތުވެ ދިޔަ ދެ އަހަރުތެރޭގައި މުޅިން އަލަށް ބްލަޑް ބޭންކްގެ ހިދުމަތް ފެށުމާއި، އާރުއެޗް ކްލިނިކްގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމުދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެ ހޮސްޕިޓަލް ޓާޝަރީ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ބައެއް ސަބް ސްޕެޝަލިސްޓުންގެ ތެރޭގައި ހިމެނޭ ކާޑިއޮލޮޖީ، ނެފްރޮލޮޖީ އަދި ނިއުރޮލޮޖީގެ ޑޮކްޓަރުންގެ އިންޓަވިއު ޕްރޮސެސް ނިމި އެބޭފުޅުން ގެނައުމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށް ވިދާޅުވި އެެވެ.

މީގެ އިތުރުން އެބޭފުޅުންގެ ޓީމަށް މުޅިން އަލަށް ހަތް އެމްއޯއެއް އިންޓަވިއު ޕްރޮސެސް ނިމި، ހޮސްޕިޓަލް އާ  ގުޅިވަޑައިގަންނަވާނެ ކަމަށާއި، މި ޑިސެމްބަރު މަހުގެ ނިޔަލަށް ތިނަދޫގައި އެ ހިދުމަތްތައް ފެށިގެންދާނެ ކަން  ފާހަގަކުރެއްވި އެެވެ.

ސީއީއޯ އިތުރަށް ފާހަގަކުރެއްވީ، މެންޓަލް ހެލްތު ސާވިސްގެ އިމާރާތް ނިންމާ ހިދުމަތަށް ގެނެވޭނެކަމަށް ލަފާކުރަނީ އަންނަ އަހަރުގެ މާރިޗް މަހު ކަމަށެވެ. މި ސެންޓަރުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި އަދި އަތޮޅުގެ ބައެއް ރަށްތަކަށް އެ ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން ފިއޯރީގައި މިހާރު ވަނީ 24 ގަޑި އިރު ހިދުމަތް ފަށާފައި ކަމަށާއި، އަދި އޭގެ އިތުރުން ހޯނޑެއްދޫގައި ވެސް ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. 

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށްޓަކައި، ޓާޝަރީ ބިލްޑިން ގެ ކުރެހުން ނިމި ސައިޓް ސާވޭ ނިމިފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އަންނަ އަހަރު ކުރީކޮޅު އެ އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ހުވަދު އަތޮޅު ރައްޔިތުންގެ އެންމެ ބޮޑު އެއްކަން ބޮޑުވުމަކީ އެމްއާރުއައި ހިދުމަތް ލިބެން ނެތުން ކަމަށާއި އެ ހިދުމަތް ދިނުމަށް ލޮކޭޝަން ފައިނަލް ކުރެވިފައިވާ ކަމަށާއި، މިހާރު އެ މަސައްކަތް ހެލްތު މިނިސްޓްރީން ބާރަށް ކުރަމުން އަންނަ ކަމަށެވެ. އަދި އުއްމީދަކީ އަންނަ އަހަރުގެ މެދުތެރޭގައި އެމްއާރުއައިގެ ހިދުމަތް ވެސް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

ހިދުމަތްތަކަށް ގެނެވުނު އެންމެ ބޮޑު ބަދަލުތައް ފާހަގަކުރައްވަމުން އަޝްރަފް ވިދާޅުވީ، އަތޮޅު ތެރެއިން ބޭސް ފަރުވާއަށް އަންނަ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށްފަހު، ދުވަހުން ދުވަހަށް ހެދޭ ޓެސްޓުތައް ހެދުމަށްފަހު ފޮލޯ އަޕް ޑޮކްޓަރަށް ދެއްކުމަށް ފަހު ބޭސް ހިފައިގެން ރަށަށް ދެވޭނެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ހިތްފަސޭހަކަމާއެކު އޯޕީޑީ ސަރަހައްދުގައި އުޅެލެވޭނެ ރީޑިން ކޯނާއެއް ހެދިފައިވާ ކަމަށެވެ.

ޑައިލިސިސް ހިދުމަތް ދޭ ފަސް މެޝިން ކުރިން ހުރި ނަމަވެސް މިހާރު ހަތް މެޝިނަށް އިތުރުކުރެވިފައިވާ ކަމަށާއި، އަދި އަތޮޅުތެރެއިން ޑައިލިސިސް ހަދަން އަންނަ ފަރާތްތަކަށް އެ ހިދުމަތް ލިބިގަތުމަށް ފަހު އެދުވަހު އަނބުރާ ރަށަށް ދެވޭނެ އިންތިިޒާމު މިހާރު ހަމަޖެހިފައިވާކަން ސީއީއޯ ފާހަގަކުރެއްވި އެވެ.

ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރުކުރުމަށް މިދިޔަ ދެ އަހަރު ކުރި މަސައްކަތުން ހަތަރު ޕްރައިވެޓް ރޫމުން، މިހާރު ހަތް ޕްރައިވެޓް ރޫމަށް އިތުރުކުރެވިފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، ހުރިހާ ވޯޑެއް ވަނީ އޭސީ ކުރެވިފައި ކަމަށާއި،  ޕްރައިވެޓް ރޫމް، އޯޕީޑީ އަދި ވޯޑްތަކުން ވައިފައިގެ ހިދުމަތް ވެސް މިހާރު ލިބެން ހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު