ENGLISH
18 ޑިސެމްބަރު 2025
ހ.އ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފަށައިފި
18 ޑިސެމްބަރު 2025
|
ހ.އ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފެށިގެން ކުރިއަށް ދަނީ. --ފޮޓޯ: އެމްޓީސީސީ
ހއ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ޒަމާނީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހއ. ދިއްދޫގައި ބިނާކުރާ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އޮކްޓޫބަރ މަހުގެ ހަވަނަ ދުވަހު އެވެ. އަދި އެ އިމާރާތުގެ ބިންގާ އަޅާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު އެވެ. ހއ. ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރާ އަތޮޅު ހޮސްޕިޓަލްގެ ފަސްބުރީގެ އާ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
ހ.އ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފެށިގެން ކުރިއަށް ދަނީ--ފޮޓޯ:އެމްޓީސީސީ
ފަންސާސް އެނދުގެ މި ހޮސްޕިޓަލް ނިމޭއިރު، އައިސޮލޭޝަން ފެސިލިޓީ އާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި އެކްސްރޭ އާއި، ސީޓީ އާއި އެމް.އާރު.އައި އާއި، މެމޮގްރަފީ، އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ލިބެން ހުންނާނެ އެވެ.
މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ ޚިދުމަތްތައް ހަރުދަނާކުރުމާއެކު، ދިއްދޫގެ އިތުރުން ހއ. އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެ އެވެ.
ދިއްދޫގައި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާއިރު، ދިއްދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ދެ މަޝްރޫޢަކީ ވެސް ދިއްދޫގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢުތަކެކެވެ.
ހ.އ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފެށިގެން ކުރިއަށް ދަނީ--ފޮޓޯ:އެމްޓީސީސީ
ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މި ޕްރޮޖެކްޓްގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓް ގާއިމްކުރުން ހިމެނެ އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިއްދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެއް ވަޢުދަކީ ހޮސްޕިޓަލުގެ ޚިދުމަތްތައް ތަރައްޤީކޮށް، އައު އިމާރާތެއް ބިނާކުރުމެވެ. މި މަސައްކަތް ފެށިގެން ދިއުމަކީ އެ ވަޢުދު ފުއްދުމުގެ ދަށުން ކުރިއަށްދާ މުހިންމު ފިޔަވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޢިމާރާތްކުރެވޭ މި ހޮސްޕިޓަލްވެގެންދާނީ ޒަމާނީ ފެންވަރަށް ގާއިމްކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލަކަށެވެ.
ހަތް ސަތޭކަ އަށްޑިހަ ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫގެ އަގަކީ 185.57 މިލިޔަން ރުފިޔާ އެވެ.