ENGLISH
05 ޑިސެމްބަރު 2025
ރައީސްގެ ބައްދަލުވުންތަކުގައި އިޖުތިމާއީ މައްސަލަތަކުގެ އަޑުއިވިވަޑައިގަތުމުން މުހިންމު: އަނީސާ
05 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެފަދަ ބައްދަލުވުންތަކުގައި އިޖުތިމާއީ މައްސަލަތަކުގެ އަޑު އިވިވަޑައިގަތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އަނީސާ އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މާފަނުންގެ ރައްޔިތުންނާ ބައްދަލުކޮށްލެވުމަށް ރޭ ބޭއްވެވި ބައްދަލުވުމަށް ފަހު އަނީސާ ވިދާޅުވީ ބައްދަލުވުންތައް ސިޔާސީ ވެގެންދާތީ އެކަމަނާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ރައްޔިތުންނާ ބައްދަލު ކުރެއްވުން ޚާއްސަކޮށް މާލޭގެ ރައްޔިތުންނާ މި ގޮތަށް ބައްދަލުކޮށްލެވުމަކީ ހަގީގަތުގައި ވަރަށް ރަނގަޅު ކަމެއް. ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް އިޖުތިމާއީ މައްސަލަތަކުގެ އަޑު އިވިވަޑައިގަތުމުން ވަރަށް ގިނަ މައްސަލަތައް ހައްލުކުރެވޭނެ. އަޅުގަނޑަށް ފާހަގަކުރެވެނީ ބައްދަލުވުންތައް މާބޮޑަށް ސިޔާސީވެގެންދާ ތަން. މާލޭގެ ތިން ބައްދަލުވުން ބޭއްވި އިރު، އަޅުގަނޑު ހީކުރީ މިރޭ ވެސް އިޖުތިމާއީ ބައެއް ކަހަލަ މައްސަލަތައް ހުންނާނެކަމަށް،" ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހެލްތު މިނިސްޓަރުކަމާއި ޖެންޑަރ މިނިސްޓަރުކަން ކުރައްވާފައިވާ އަނީސާ ވިދާޅުވި އެވެ.
އަންހެނުންގެ ހައްގުގައި މަސައްކަތްކުރާ "ހޯޕް ފޯ ވިމެން" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައިގެން މަސައްކަތް ކުރައްވާ އަނީސާ ވިދާޅުވީ މިކަހަލަ ބައްދަލުވުންތަކުގައި ހިތާމަވެރި އިހުސާސްތައް ކުރެވި ޖަޒުބާތުގައި ޖެހިވަޑައިގެންފައިވާ ބޭފުޅުންނަށް ކޮންމެވެސް އެހެން ގޮތަކަށް ރައީސްގެ ފަރާތުން ފުރުސަތެއް ލިބިއްޖެ ނަމަ މާބޮޑު ތަސައްލީއެއް އެބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރޭގެ ބައްދަލުވުމުގައި ވެސް އެއްބޭފުޅަކު ވަރަށް ގިނަ އިރު ވާހަކަ ދެއްކެވި އިރު އެއް ވާހަކަތަކެއް ތަކުރާރު ކުރެވުނުކަން ފާހަގަ ކުރައްވާ އަނީސާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެއަށް ކޮންމެވެސް ބަދަލެއް ގެންނަވާނެ ކަމަށް އެކަމަނާ އުއްމީދު ކުރައްވާ ކަމަށެވެ.
ރައްޔިތުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގައި މިހާތަނަށް ވަނީ މާލެ ސަރަހައްދުގައި ތިން ބައްދަލުވުމެއް ބާއްވަވައިފަ އެވެ. އެއީ ވިލިމާލެ އާއި މައްޗައްގޮޅި އަދި މާފަންނުގެ ރައްޔިތުންނާ ބައްދަލުކޮށްލެވުމަށް ބޭއްވި ބައްދަލުވުންތަކެވެ. މި ބައްދަލުވުންތަކުގައި ރައްޔިތުންގެ ޝުއޫރުތައް އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ޖަވާބުދެއްވަމުންނެވެ.