ENGLISH

05 ޑިސެމްބަރު 2025

Advertisement

ރާއްޖޭން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ސްރީ ލަންކާއާ ހަވާލުކޮށްފި

05 ޑިސެމްބަރު 2025

|

ހަސަން އާމިރު

ސްރީ ލަންކާ އަށް އެރި ތޫފާން "ދީތުވާ" ގެ ސަބަބުން ހާލުގައި ޖެހުނު ސްރީ ލަންކާ އަށް އެހީވުމަށް ރާއްޖެއިން ދޭން ނިންމި 25،000 މަސްދަޅު ކޭސް އެ ގައުމާ މިއަދު ހަވާލުކޮށްފި އެވެ.

ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި ގެންދިޔަ 14 ކޮންޓެއިނަރުގެ މަސްދަޅު ކޭސް ސްރީ ލަންކާއާ މިއަދު މެންދުރު ފަހު ހަވާލުކޮށްދެއްވީ ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. ސްރީ ލަންކާ ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެފައި ވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންސް ޑިރެކްޓަރ ބްރިގޭޑިއާ ރޮޝާން ދަރުމަވިކްރަމަ އާއި ވެސްޓަން ނޭވަލް އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ އަރުނަ ވިޖެވަރްދަނާ އަދި ލަންކާގެ ފޮރިން މިނިސްޓްރީގެ ޑިޕިއުޓީ ޑިރެކްޓަރ ޑަޔާނާ ޕެރާރާ އެވެ.

ތޫފާނުގައި އެތައް ގެއްލުމެއްވި ލަންކާއަށް އެހީގެ ގޮތުގައި މަސްދަޅު ކޭސްތައް ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމީ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. އެދުވަހު ފޮރިން މިނިސްޓްރީން އާއްމުކުރި ބަޔާނުގައި ބުނީ 25،000 މަސްދަޅު ކޭހާއި 50،000 ޑޮލަރު ލަންކާއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ. މި ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ.

މި އެހީތެރިކަން ރަމްޒު ކޮށްދެނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ދިވެހި ސަރުކާރުން ލަންކާއަށް ވެދިން އެހީތެރިކަމުގެ އިތުރުން، ސަރުކާރާއި މީޑިއާތައް ގުޅިގެން "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނުން 12.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެލެތޯނަށް ބޮޑު ތަރުޙީބެއް ލިބުނުއިރު، ވިޔަފާރިވެރިންނާއި، އޮފީސްތަކާއި، ޖަމިއްޔާތަކާއި އެކި ފަންތީގެ އަމިއްލަ ފަރުދުން ވަނީ ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ. 

ތޫފާން "ދީތުވާ" ގައި ލަންކާގެ 22 އަވަށަކަށް އަސަރުކޮށްފައިވާކަން އެޤައުމުން ވަނީ އިޢުލާނުކޮށްފަ އެވެ. ސުނާމީއަށް ފަހު އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ހާދިސާގައި މިހާތަނަށް 479 މީހަކު މަރުވެފައިވާކަން އެޤައުމުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި 366 މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު