ENGLISH

05 ޑިސެމްބަރު 2025

Advertisement

ގަވާއިދާ ޚިލާފަށް ވިޔާފާރިކުރާ 35 ތަނެއް ބަލައި ފާސްކޮށް، 11 ތަނެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ފުލުހުން ފިހާރައެއް އިންސްޕެކްޓް ކުރުމުގައި. --ފޮޓޯ:ޕޮލިސް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރަމުންދާ 35 ތަނެއް ބަލައި ފާސްކޮށް، 11 ވިޔަފާރިއެއް ބަންދުކޮށްފި އެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތައް ރިޕޯޓުކުރުމަށް، މިދިޔަ މަހުގެ 27 ވަނަ ދުވަހު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލުމުން، މިހާތަނަށް އެފަދަ 125 ރިޕޯޓެއް ލިބިފައިވާ ކަމަށް އެ ވުޒާާރާއިން ބުންޏެވެ. މިގޮތުން 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް، ދެ ގަރާޖު އަދި އެއް ގެސްޓްހައުސް ހިމެނޭހެން 35 ތަނެއް އިންސްޕެކްޓް ކުރެވި، 11 ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ.

ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކަައި، އެ ވުޒާރާއިން ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯސްއިން އަންނަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ވިޔަފާރިތައް ބަންދުކުރަން ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އަދި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެވުޒާރާއިން ބުންޏެވެ.

ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރުމަށް ވުޒާރާއިން ވަނީ އެދިފަ އެވެ.

ވުޒާރާއިން އިލްތިމާސްކޮށްފައި ވަނީ، ރިޕޯޓްކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ތަފްސީލް އަދި ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. އަދި އާންމުންގެ ފާރަތުން ލިބެމުން ދިޔަ އެހީތެރިކަމަށް ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކޮށް، ޤާނޫނާ ޚިލާފު ހަރާކާތްތައް ހުއްޓުމަށާއި އިންސާފުވެރި އަދި ވާދަވެރި މާހައުލެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު