ENGLISH

05 ޑިސެމްބަރު 2025

Advertisement

25،000 ކޭސް މަސްދަޅު ހިފައިގެން ދިޔަ އެސްޓީއޯގެ ބޯޓު ލަންކާގައި ބަނދަރުކޮށްފި

05 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ބޯޓެއް މުދާ ބަރުކޮށްގެން. --ފޮޓޯ:އެމްއެސްއެސް

ސްރީ ލަންކާ އަށް އެރި ތޫފާން "ދީތުވާގެ" ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ރާއްޖެއިން ދޭން ނިންމި 25،000 މަސްދަޅު ކޭސް ހިފައިގެންދިޔަ ބޯޓު މިއަދު ހެނދުނު ލަންކާއަށް ބަނދަރުކޮށްފި އެވެ.

މަސްދަޅު ކޭސް ލަންކާއަށް ފޮނުވާފައިވަނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި، 14 ކޮންޓެއިނަރުގަ އެވެ. އެމްއެސްއެސްއިން މީޑިއާތަކަށް ހިއްސާކުރި މަޢުލޫމާތުގައި ބުނީ، ބޯޓު ރޭގެ ވަގުތެއްގައި ލަންކާއަށް ގޮސްފައިވާ ކަމަށާއި މިއަދު ހެނދުނު ބަނދަރުކޮށްފައިވާ ކަމަށެވެ.

ތޫފާނުގައި އެތައް ގެއްލުމެއްވި ލަންކާއަށް އެހީގެ ގޮތުގައި މަސްދަޅު ކޭސްތައް ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމީ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. އެދުވަހު ފޮރިން މިނިސްޓްރީން އާއްމުކުރި ބަޔާނުގައި ބުނީ 25،000 މަސްދަޅު ކޭހާއި 50،000 ޑޮލަރު ލަންކާއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ. މި ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ.

މި އެހީތެރިކަން ރަމްޒު ކޮށްދެނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ދިވެހި ސަރުކާރުން ލަންކާއަށް ވެދިން އެހީތެރިކަމުގެ އިތުރުން، ސަރުކާރާއި މީޑިއާތައް ގުޅިގެން "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނުން 12.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެލެތޯނަށް ބޮޑު ތަރުޙީބެއް ލިބުނުއިރު، ވިޔަފާރިވެރިންނާއި، އޮފީސްތަކާއި، ޖަމިއްޔާތަކާއި އެކި ފަންތީގެ އަމިއްލަ ފަރުދުން ވަނީ ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ. 

ތޫފާން "ދީތުވާ" ގައި ލަންކާގެ 22 އަވަށަކަށް އަސަރުކޮށްފައިވާކަން އެޤައުމުން ވަނީ އިޢުލާނުކޮށްފަ އެވެ. ސުނާމީއަށް ފަހު އެޤައުމަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ހާދިސާގައި މިހާތަނަށް 479 މީހަކު މަރުވެފައިވާކަން އެޤައުމުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި 366 މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު