ENGLISH
21 ނޮވެމްބަރު 2025
ހިންމަފުށީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން؛ ފެންސްޖެހުމާއި ލައިޓް ހަރުކުރުން ކުރިއަށް
21 ނޮވެމްބަރު 2025
|
ހިންމަފުށި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ
ކ. ހިންމަފުށީގައި ސަރުކާރުން ތަރައްޤީކުރާ ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން އަންނަނީ މިދަނޑު ނިންމަން ސަރުކާރުން ދީފައިވާ މުއްދަތުގައި ނިންމުމަށްޓަކައި، ވަަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންނެވެ.
ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިއަހަރު 29 މާރޗް މަހު އެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 4.9 މިލިއަން ރުފިޔާއަށެވެ.
ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ލިބުމަކީ ހިންމަފުށީގެ ޒުވާނުންނާއި، ކުޑަކުދިން ދެކެމުން އައި ހުވަފެނެކެވެ. ހިންމަފުށީގައި މިހާރު އޮތް ދަނޑުގައި ވަނީ ރަނގަޅު ފެންވަރެއްގެ ޓާފެއް އަޅާ ވަށާފާރު ރާނައިފަ އެވެ. މި ދަނޑުގައި ފެންސް ޖަހާ ލައިޓް ހަރުކޮށް ނިމުމުން، އެ ދަނޑު ވެގެންދާނީ ފެންވަރު ރަގަނޅު ދަނޑަކަށެވެ. އަދި ދަނޑުގެ ބޭނުން ރޭގަނޑާއި ދުވާލު ވެސް ކުރެވޭނެ އެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު އަންނަނީ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތް ކުޅުމަށް ތައްޔާރުވަމުންނެވެ. ބައެއް އަތޮޅުތަކުގައި މިހާރު އަތޮޅު މުބާރާތް ވެސް ވަނީ ފަށާފަ އެވެ.
ކުޅިވަރު ޤާނޫނުގެ ދަށުން ހުރިހާ ކުޅިވަރެއް ލާމަރުކަޒުކޮށް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހު ނިންމުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.