ENGLISH

21 ނޮވެމްބަރު 2025

Advertisement

ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިމަކީ ނަމާދު: ހުކުރު ޚުޠުބާ

21 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

އިސްލާމްދީނުގައި ނަމާދަށް މިހާ މަތިވެރި މަޤާމެއް ދީފައިވާ އިރު ނަމާދުތަކަށް ފަރުވާކުޑަކުރުމާއި ނަމާދު އެޅުމުން ދުރުހެލިވުމަކީ އަހަރެމެން ކޮންމެ މުސްލިމަކު އޭނާގެ ދުވަހީ ތާވަލު އެކުލަވައިލާ އިރު ސަމާލުވާން ޖެހޭނޭ ކަމެއް ކަމަށާއި، ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަމުގައި ސުންނަތުގައި އަންގަވާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ނަމާދު އެޅުމުގެ ނުރައްކާތެރިކަން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ހުކުރު ހުޠުބާގައި ބުނީ، މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު ކަމަށާއި، ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

"ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެކެވެ. ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެކެވެ. ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެކެވެ. އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއްވެސް މެއެވެ. ނަމާދަކީ މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެކެވެ." ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި އޮންނަ އިރުގައްޔާއި ރަށުގައި ޤާއިމުވެ ހުންނައިރާއި ދަތުރުމަތީގައި އުޅޭއިރު ވެސް ކުރުމަށް އަންގަވާފައިވާ އަޅުކަމެއް ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ. އެގޮތުން، ނަމާދަކީ ހަނގުރާމައިގެ ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވާއިފައިވާ އަޅުކަމަކަށްވީ އިރު މި އަޅުކަމަށް ފަރުވާތެރިވުމަކީ މުހިންމު ކަމެެއް ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

ޚުޠުބާގައި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނަ ގެނެސްދެއްވާފައިވެއެވެ. "އެއުރެންނާއި އަހުރެމެންނާ (އެބަހީ: ކާފިރުންނާއި މުސްލިމުންނާ) ދެމެދުގައި (ތަފާތުކުރާ) ޢަހުދަކީ ނަމާދެވެ. ފަހެ، ނަމާދު އަޅައިފި މީހާ، (ދަންނާށެވެ.) ހަމަކަށަވަރުން، އޭނާ ކާފިރުވެއްޖެއެވެ."

ޚުޠުބާގައި ވަނީ، ނަމާދު އެޅުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނޭ ކަމެއް ނޫންކަން ހަނދާންކޮށްދެމުން، އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާން މަހު ބަރާބަރަށް ނަމާދުކުރާ މީހުން ކަމަށާއި އަދި އަނެއްބައި މީހުންނަކީ ހަފުތާގެ ހުކުރުދުވަހު ކުރެވޭ ހުކުރު ނަމާދަށް އެކަނި ޙާޒިރުވާ މީހުން ކަމަށް ބުނެފައެވެ. އަނެއް ބަޔަކީ ކޮންމެ ދުވަހަކު ކުރުމަށް ފަރުޟު ކުރައްވާފައިވާ ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައްކޮށް އަނެއް ބައި ނަމާދުތައް ނުކުރާ މީހުން ކަމަށާއި، މިއިން އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަކޮށްލާފައި ވަނީ ނަމާދަށް އިންކާރުކުރާ ޙާލުގައި ނޫންކަމުގައިވީ ނަމަވެސް އިސްވެދިޔަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި އެއީ ނުހަނު ފާފަވެރިވާނޭ ކަމެއް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ. 

"ނަމާދު އެޅުމަކީ އެ ކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެ ކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެކެވެ. އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހެއެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ތައުބާގެ މަގަށް އަވަހަށް ރުޖޫޢަވެ، ނަމާދުތަކަށް ފަރުވާތެރިވުމަށް އަވަސްވެގަތުމަށް ގޮވާލައިފައެވެ. އަދި، އަޅަމެންގެ އަބަދުގެ ދުޢާއަކީ މިއީކަމުގައި ހަދައި، ބަހާއި ޢަމަލުން އެކަން ސާބިތުކުރާ ބަޔަކަށްވުމަށް އިލްތިމާސް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު