ENGLISH

21 ނޮވެމްބަރު 2025

Advertisement

ހއ، ހދ، އަދި ށ. އަތޮޅުގެ 13 ފަޅެއްގައި ރިސޯޓު ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި

21 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ހއ. ކެލާ، ފަތުރުވެރިކަން ތަރައްޤީކުރަން ހުޅުވާލި ފުރުޞަތުގައި އެ ރަށުގެ ދެ ފަޅެއް ވަނީ ހިމަނާފަ.

ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅު، ހއ، ހދ، އަދި ށ. އަތޮޅުގެ 13 ފަޅެއްގައި ރިސޯޓް ތަރައްޤީކުރަން ބީލަން ހުށަހެޅުމުގެ ފުރުޞަތު ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. 

އެ ވުޒާރާއިން ކުރި އިޢުލާނުގައި ބުނީ، ކަނޑައަޅާފައިވާ ފަޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ 2026 ފެބްރުއަރީ 3 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ކަމަށެވެ. 

ބީލަން ފޮތް ބޭނުންވާ ފަރާތްތަކަށް، 2025 ނޮވެމްބަރު 23 އިން ފެށިގެން 2025 ފެބްރުއަރީ 2 ވަނަ ދުވަހުގެ ނިޔަލަށް އެ ވުޒާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ. 

ރިސޯޓު ތަރައްޤީކުރަން ހއ. އަތޮޅުން ހުޅުވާލީ ކެލާގެ ދެ ފަޅު އަދި ހއ. މާދުނީގެ ތިން ފަޅެވެ. ހދ. އަތޮޅުން ހުޅުވާލީ މަކުނުދޫގެ ދެ ފަޅާއި ހދ. މާފަރުގެ 3ތިން ފަޅެވެ. ށ. އަތޮޅުން ރިސޯޓު ތަރައްޤީކުރަން ހުޅުވާލީ ށ. ގޮނާގެ ތިން ފަޅެވެ. 

ކެލާގެ އެއް ފަޅުން ހިއްކޭނީ 156.2 ހެކްޓަރު އަދި އަނެއް ފަޅުން ހިއްކޭނީ 169.3 ހެކްޓަރު ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އެހެން ފަޅުތަކުގައި 200 ހެކްޓަރުގެ ސަރަޙައްދު ހިއްކައިގެން ރިސޯޓު ތަރައްޤީކުރެވޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

ތަރައްޤީކުރާ ރިސޯޓުތަކުގައި މަދުވެގެން 150 އެނދު ހުންނަން ޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. ބީލަން ކާމިޔާބުކުރާ ފަރާތްތަކުން 35 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު، ފަޅުތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރަށެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އެ ފަޅުތައް ދޫކުރާނީ، ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓް 15 އިންސައްތައާ ހަމައަށް ޑިއުޓީ މާފުކޮށްދޭ ގޮތަށް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތަަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ޓޫރިޒަމް އެންމެ ދަށް އަތޮޅުތައް ކަމަށްވާ އުތުރުގެ ތިން އަތޮޅާއި ތ. އަތޮޅަށާއި އައްޑޫއަށް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުވީ ވަޢުދާ އެއްގޮތަށް ޓޫރިޒަމް އެންމެ ދަށް ހުރިހާ އަތޮޅެއްގައި ވަރަށް އަވަހަށް މި ހުރިހާ ފަރާތްތަކުން މަސައްކަތް ފަށައިގަންނާނެ. އޭގެ ނަތީޖާއަކަށް ވާނީ ޓޫރިޒަމް ނެތް އަތޮޅުތަކުގައި ވަޒީފާގެ ފުރުސަތު އިތުރުކުރެވި ރައްޔިތުންނަށް އޭގެ މުއްސަދިކަން ލިބުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް ޓޫރިޒަމަށް 2،995 އެނދު އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދެ އަހަރު 6،223 އެނދު އިތުރުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު