ENGLISH
21 ނޮވެމްބަރު 2025
ހަލާލް ޓޫރިޒަމް މޮޑެލްގައި ރިސޯޓު ތަރައްޤީކޮށް ހިންގަން އަލުން ހުޅުވާލައިފި
21 ނޮވެމްބަރު 2025
|
ހދ. މަކުނުދޫ. ހަލާލް ޓޫރިޒަމަށް ހުޅުވާލި ފުރުޞަތުގައި މަކުނުދޫ ފަރު 1 ހިމެނޭ.
ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަން ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.
ހަލާލް ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލި ފުރުޞަތުގެ މަޢުލޫމާތު ސާފުކުރުމުގެ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 9 އަދި 2026 ވަނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ. ބީލަށް ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ފެބްރުވަރީ 3 ވަނަ ދުވަހުގެ 9:00 އެވެ.
ހަލާލް ޓޫރިޒަމް ތަރައްޤީކޮށް ހިންގަން ހުޅުވާލީ، ހއ. ބީނާފުށި، ހދ. މަކުނުދޫ ފަރު، ހއ. ކަނޑާލިފިނޮޅު، ށ. ފުށިފަރު އަދި ލ. ފޮނަގާދޫގައެވެ.
މީގެކުރިން ވެސް ރާއްޖޭގައި ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްޤީކުރަން ވަނީ ހުޅުވާލާފައެވެ.
ހަލާލް ޓޫރިޒަމް މޮޑެލްގައި އެންމެ ފާހަގަކުރެވެނީ، ރަލާއި އޫރު މަހުގެ މުޢާމަލާތްތައް ނުހިންގޭ ގޮތަށް ނިންމުމެވެ. އެގޮތުން އެރަށްތަކުގައި ކެއުން ބުއިމުގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ހަލާލް ކާބޯތަކެއްޗެވެ.
ހަލާލް ޓޫރިޒަމް ތަރައްޤީކޮށް ހިންގަން ހުޅުވާލިއިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިއްޔެ ވަނީ އެންމެ އުތުރުގެ ތިން އަތޮޅުގެ 13 ފަޅެއްގައި ރިސޯޓް ތަރައްޤީކޮށް ހިންގުމުގެ ފުރުޞަތު ވެސް ހުޅުވާލައިފައެވެ.
ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، ފަތުރުވެރިކަން ނެތް އަތޮޅުތަކާއި ފަތުރުވެރިކަން ދަށް އަތޮޅުތަކުގައި އިތުރު ފުރުޞަތުތައް ހުޅުވާލާނެކަމަށް، ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ބެއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.