ENGLISH

10 އޭޕްރީލު 2025

Advertisement

ލަސް ޕަލްމާސް އިން ބާސެލޯނާ ސިއްސުވާލައިފި

30 ނޮވެމްބަރު 2024

|

ޢަލީ ޝާހީން

ބާސެލޯނާ އާއި ލަސް ޕަލްމަސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭޕީ

ސްޕެނިޝް ލީގުގައި ލަސް ޕަލްމާސް އިން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ މިރޭ ބަލިކޮށްފިއެވެ.

މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި އަމިއްލަ ދަނޑުގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ ލީގުގައި އެ ޓީމުން މެޗަކުން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ތިންވަނަ ފަހަރެވެ. މީގެތެރެއިން، ދެ މެޗުން ބަލިވިއިރު އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. މީގެއިތުރުން، މިއީ މިދިޔަ 43 އަހަރުގެ ތެރޭގައި ލީގުގައި ބާސެލޯނާގެ ދަނޑުގައި ލަސް ޕަލްމާސް މޮޅުވި ފުރަތަމަ ފަހަރު ވެސް މެއެވެ.

މި ނަތީޖާއާ އެކު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ ބާސެލޯނާ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު 15 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 30 ޕޮއިންޓެވެ. ނަމަވެސް ރެއާލް އިތުރު ދެ މެޗު އެބައޮތެވެ. އެހެންކަމުން، ރެއާލަށް އެ ދެ މެޗު ކާމިޔާބުކޮށްގެން ތާވަލްގެ އެއްވަނަ އަށް އެރޭނެ އެވެ.

ބާސެލޯނާގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ލަސް ޕަލްމާސް އިން ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު ކައުންޓަރ އެޓޭކެއްގައި ކިރިއަން ރޮޑްރިގޭޒް ދިން ބޯޅައަކުން ސެންޑްރޯ ރަމީރޭޒް ކާމިޔާބުކުރި ގޯލުންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ކެޕްޓަން ރަފީނިއާ އެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ޕެޑްރީ އެވެ. އެކަމަކު، އޭގެ ހަ މިނެޓުފަހުން، ހަވިއޭ މުނޯޒް ދިން ބޯޅައަކުން ލަސް ޕަލްމާސްގެ ޕޯޗުގީޒް ފޯވާޑް، ފަބިއޯ ސިލްވާ ވަނީ އަލުން އެ ޓީމަށް ލީޑު ނަގައިދީފައެވެ.

ލަސް ޕަލްމާސްގެ ދެވަނަ ގޯލަށް ފަހު މެޗުގެ ފަހު ބައިގައި ބާސެލޯނާ އަށް އެއްވަރުކޮށްދޭން ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ފަހު ހާފުގެ ކުރީކޮޅު، ބާސެލޯނާގެ ޒުވާން ތަރި، ލަމީން ޔަމާލް ވަނީ ކުޅެން ނުކުމެފައެވެ. މިއީ މިދިޔަ ތިން ހަފްތާއެއްހާ ދުވަހު އަނިޔާގެ ސަބަބުން ބާސެލޯނާ އާއި ސްޕެއިނުގެ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ގެއްލުނު ޔަމާލް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ.

ލީގުގައި ބާސެލޯނާ އަށް ދެން އޮތީ އަންނަ މަހުގެ 3 ވަނަ ދުވަހު ރަށުން ބޭރުގައި މަޔޯކާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު