ENGLISH

07 ޑިސެމްބަރު 2025

Advertisement

އިންޑިއާގެ އޭވިއޭޝަން މިނިސްޓަރ، ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

10 ނޮވެމްބަރު 2025

|

ހަސަން އާމިރު

އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު އަދި އެ ޤައުމުގެ ސިވިލް އޭވިއޭޝަން މިނިސްތަރ ކިންޖަރަޕޫ ރާމް މޯހަން ނައިދޫ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރަށް މަރުޙަބާ ދަންނަވައި، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްގީ އަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކޮންޓްރެކްޓްގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިންމުމުގަައި އިންޑިއާގެ ސަރުކާރުން ވެދެއްވި އެހީތެރިކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވައިފައެވެ.

ރާއްޖޭގެ ތަރައްޤީގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތައް މުއްދަތުގެ ތެރޭގައި ނިންމުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ކަމާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ އޭވިއޭޝަން މިނިސްޓަރ ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވިގެންދިއުމާއެކު އެކަން ފާހަގަކުރައްވައި ދިވެހި ސަރުކާރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެއާޕޯޓް މަޝްރޫޢު ކުރިއަށްދިޔަ ގޮތް އިންޑިއާގެ ބޮޑުވަޒީރު ވަރަށް ގާތުން ބައްލަވައި، ޚާއްސަ ސަމާލުކަމެއް ދެއްވިކަން ފާހަގަކުރެއްވިއެވެ. ސަރަހައްދީ ކުރިއެރުމަށް އިންޑިއާގެ ބޮޑުވަޒީރާއި ރައީސް ޑރ. މުޢިއްޒަކީ ގުޅިގެން މަސައްކަތްކުރައްވާ ދެ ލީޑަރުންކަމަށް ވެސް އިންޑިއާގެ މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާ މަޝްރޫޢުތައް، އެއްބަސްވުމުގައިވާ މުއްދަތަށް ނިންމުމުގައި އިންޑިއާ ސަރުކާރުންދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ދެ ޤައުމަށް ވެސް މަންފާކުރާނެ ގޮތަށް ދޭދޭގުޅުން ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.  

ކިޔުންތެރިންގެ ހިޔާލު