ENGLISH

14 ނޮވެމްބަރު 2025

Advertisement

ޓްރޭޑްމާކު ބިލު ފާސްކުރުން؛ އިގުތިސާދު އައު އުސްމިންތަކަކަށް އުފުލައިދޭނެ ހެޔޮ ބަދަލެއް

10 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

މިއަދަކީ ރާއްޖޭގެ ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއަށް ތާރީހީ ދުވަހެކެވެ. ރައްޔިތުންގެ މަޖިލީހުން މިއަދު ޓްރޭޑްމާކާ ބެހޭ ބިލެއް ފާސްކޮށްފިއެވެ. އެ ބިލަކީ ރާއްޖޭގެ ތާރީހުގައި ފާސްކުރެވުނު މިފަދަ ފުރަތަމަ ބިލެވެެ. އެއީ ރާއްޖޭގެ ވިޔަފާރީގެ މާހައުލު ޒަމާނާ ފައިހަމާކުރާނެ ގޮތަށް ބައްޓަންކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު ކާމިޔާބެކެވެ. މީގެ ކުރިން އިންވެސްޓުމެންޓާ ބެހޭ ޒަަމާނީ ގާނޫނެއްވެސް ސަރުކާރުން ހުށަހަޅައިގެން މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެވަނީ ތަސްދީގުކުރައްވާފައެވެ. 

މިފަދަަ ބިލެއްގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތަކުގެ އުފެއްދުންތައް އެހެނިހެން ވިޔަފާރިތަކުގެ އުފެއްދުންތަކާ ވަކިކުރާ ބްރޭންޑު ނަމާއި، ލޯގޯއާއި، ރަމްޒުތަކާއި، ޝިއާރުތަކަށް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން އެ ބިލުގައި ޓްްރޭޑްމާކު ރަޖިސްޓްރީކުރުމުގެ އިޖުރާއާތުތަކާއި، ޓްރޭޑްމާކުގެ މިލްކުވެރިންނަށް ގާނޫނުން ލިބިދޭ ހައްގުތަކާއި ރައްކާތެރިކަން އެ ބިލުގައި ބަޔާންކުރާނެއެވެ. އަދި ޓްރޭޑްމާކު ހައްގުތަކަށް އަރައިގަތުމާއި ކައުންޓަފިޓިން ކުށްތަކަށް އަރައިގަތުމުގެ އަދަބުތައްވެސް އެ ބިލުގައި ބަޔާންކުރާނެއެވެ. 

މިދެންނެވި ހުރިހާ ކަމެއް ބަޔާންކުރާ ބިލެއް ފާސްކުރެވި، ތަސްދީގުކުރެވި ގާނޫނަކަށްވުމުން ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އީޖާބީ ބޮޑު ބަދަލެއް އަންނާނެއެވެ. އެއީ ޒަމާނީ އިގުތިސާދީ މާހައުލެއް ބައްޓަންކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ. 

ވިޔަފާރިތަކުގެ ބްރޭންޑާއި ޝަހުސިއްޔަތަށް ރައްކާތެރިކަން 

އެފަދަ ގާނޫނަކުން ލިބޭ ފުރަތަމަ ފައިދާއަކީ، ވިޔަފާރީގެ ޝަހުސިއްޔަތު ރައްކާތެރިކޮށް، ބްރޭންޑުގެ އަގު ހިމާޔަކޮށްދިނުމެވެ. އެއީ ވިޔަފާރިތަކުގެ އުފެއްދުންތައް އެބާވަތުގެ އެހެނިހެން އުފެއްދުންތަކާ ތަފާތުކޮށްދީ، ފެންވަރު ރަނގަޅު އުފެއްދުންތަކުގެ ފެންވަރުގެ ޔަގީންކަން މުދަލާއި ހިދުމަތް ހޯދާ މީހުންނަށް ކަށަރުކޮށްދެއެވެ. 

ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ވައިޕޯ)އިން 2022 ވަަަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ވިޔަފާރިތަކުގެ ޖުމްލަ އަގު ނުވަތަ ވެލުއޭޝަން ކަނޑައެޅުމުގައި ޓްރޭޑްމާކްއިން ވަރަށް ބޮޑު ހިއްސާއެއްވާ ކަމަށާއި، ކުންފުންޏެއްގެ ބާޒާރުގެ އަގުގެ 50 އިންސައްތައަކީ ޓްރޭޑްމާކުގެ ތެރޭގައި ހިމެނިގެން ހިމާޔަތްކުރެވޭ ފިކުރީ މުދާ ކަމަށެވެ. 

އިންސާފުވެރި ވާދަވެރިކަމަށް ހިތްވަރުދިނުން

ޓްރޭޑްމާކު ގާނޫނުތަކަކީ އަދުލުވެރިކަމުން ބޭރުން ވިޔަފާރީގައި ތަންފީޒުކުރެވޭ ވާދަވެރި އުކުޅުތަކަށް ހުރަސްއަަޅާ ކަމެކެވެ. މިސާލަކަށް ކައުންޓަފިޓްކުރުމާއި ކޮޕީކުރުން ފަދަ ކަންކަން މި ގާނޫނުގައި މަނާކުރެއެވެ. މުދަލުގެ އަސްލު އުފެއްދުންތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން އޮޅުވައިލުމުގެ ބަދަލުގައި ވިޔަފާރިތަކުން އީޖާދީ އުފެއްދުންތެރި އަދި ފެންވަރު ރަނގަޅު މުދަލާއި ހިދުމަތް ބާޒާރަށް ނެރުމަށް ބާރުއަޅައެވެ. 

2021 ވަނަ އަހރު އޯއީސީޑީން ފާހަގަކުރި ގޮތުގައި ދުނިޔޭގެ ވިޔަފާރީގެ 2.5 އިންސައްތައަކީ ކައުންޓަފިޓް ޓްރޭޑްމާކުތައް ނުވަތަ މުދަލެއްގެ ނަކަަލެއް އޭގެ އަސްލުގެ ގޮތުގައި ދައްކައިގެން  ވިއްކައި ވިޔަފާރިކުރާ ކުރުމެވެ. މީގެ ސަބަބުން ރަނގަޅު ސައްހަ ވިޔަފާރިތަކާއި ސަރުކާރުތަކުގެ އާމްދަނީއަށް އުނިކަން ލިބެއެވެ. 

ކޮންޒިިއުމަރުންނަށް ރައްކާތެރިކަމާއި ބާޒާރަށް އިތުބާރު 

ޓްރޭޑްމާކުގެ ގާނޫނުތަކުގެ ސަބަބުން ކޮންޒިއުމަރުން ނުވަތަ މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކަަށް އެކަށީގެންވާ ރަނގަޅު މުދަލަކީ ކޮބައިކަން އެނގި، ބާޒާރުގެ އެފިޝިއެންސީ ނުވަތަ ނަތީޖާ ނެރުމުގެ ގާބިލުކަން އިތުރުކޮށްދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކޮންޒިއުމަރުންގެ އިތުބާރު ހޯދުމަށް ބްރޭންޑުތަކަށް މަގުފަހިވެއެވެ. 

ޔޫރަޕިއަން ޔޫނިއަންގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުން 2020 ވަނ އަހަަރު ހެދި ސާވޭއެއްގެ ނަތީޖާއިން ފެންނަ ގޮތުގައި އެކަށީގެންވާ ގޮތެއްގައި ޓްރޭޑްމާކު ގާނޫނުތައް ތަންފީޒުކުރެވުމުން، ކޮންޒިއުމަރުންގެ އިތުބާރު ބޮޑުވެ، ބާޒާރުގައި ދެމެހެއްޓެނެވި އުސޫލުތަކަށް އަމަލުކުރުމަށް ބާރުއެޅިގެންދެއެވެ. 

ކޮންޒިއުމަރުންގެ އިތުބާރު ލިބުމުގެ ސަބަބުން ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުވާކަމަށް މިލޮޓްއިން 2012 ގައި ހެދި ދިރާސާއެއްގައި ދައްކައެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި ޓްރޭޑްމާކުތައް ލިބިފައިވާ ކުންފުނިތަކުން އައު އުފެއްދުންތައް ބާޒާރަށް ނެރޭ މިންވަރާއި އައު ބާޒާރުތަކަށް ވަދެ އިންވެސްޓުކުރާ މިންވަރުވެސް އެފަދަ ރައްކާތެރިކަން ނެތް ކުންފުނިތަކަށްވުރެ އިތުރެވެ. 

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަަށް ލިބޭ ބާރެއް 

ކުދި އަދި މެދުފަންތީގެ އުފެއްދުންތެރި އީޖާދީ ވިޔަފާރިތަކުން ބޮޑެތި ކުންފުނިތަކާ ކުރިމަތިލައި، ބާޒާރުގައި އަމިއްލަ ހާއްސަ ޖާގައެއް އުފެއްދުމަށް ޓްރޭޑްމާކްއިން ބާރު ލިބެއެވެ. އޯއީސީޑީން 2021 ގައި އެކުލަވައިލި ރިޕޯޓުގައި ފާހަގކަުރި ގޮތުގައި ޓްރޭޑްމާކު ބޭނުންކުރާ އެސްއެމްއީތައް،  އެފަދަ ޓްރޭޑްމާކެއް ނެތް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަޅާބަލާއިރު ފަސް އަހަރުގެ މުހުލަތެއްގައި ސަލާމަތުން ދެމިތިބޭ މިންވަރު  30 އިންސައްތަ މައްޗެވެ. 

އޭގެ ސަބަބެއްކަމަށް އެ ރިޕޯޓުގައި ފާހަގަަކުރީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަފާތެރި ކަސްޓަމާ ބޭސްއެއް ހޯދައި، ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމަށް މަގުފަހިވުމެވެ. ނަތީޖާއަކަށްވަނީ އެފަދަ ވިޔަފާރިތައް ފުޅާވެ ބޮޑެތި މަންފާ ހޯދުމުގެ ފުރުސަތު ފަހިވުމެވެ.

މިދެންނެވުނު ކަންކަމަަކީ ޓްރޭޑްމާކު ގާނޫނެއްގެ ތެރެއިން އިގުތިސާދަށް ލިބޭ ފައިދާގެ ކުޑަ މިންވަރެކެވެ. މިފަދަ ގާނޫނުތަކަކީ ވިޔަފާރީގެ މާހައުލަށް ހެޔޮ އިންގިލާބީ ބަދަލުތައް ގެނުވާ ގާނޫނުތަކެވެ. 21 ވަނަ ގަރުނަށް ހޭލައި، ދުނިޔެއާ ރާއްޖެ ލާމެހެމުންދިޔަ ނަމަވެސް ރާއްޖޭގެ ވިޔަފާރީގެ މާހައުލު އޮތީ ދުނިޔޭގެ ވިޔަފާރި ބާޒާރާ ފައިހަމަވާ މިންވަރަށް ތަރައްގީނުކުރެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ހުށަހަޅައިގެން ފާސްކުރެވުނު މި ބިލަކީ ގެއްލުނު ތަން އަތުލައިގަތުމަށް އެޅުނު ފިޔަވަޅެކެވެ. ހޯދުނު ކުރިއެރުމެކެވެ. 

ކިޔުންތެރިންގެ ހިޔާލު