ENGLISH

14 ނޮވެމްބަރު 2025

Advertisement

ނިމިގެންދިޔަ ދެ އަހަރު ސިޓީސް، ލޯކަލް ގަވަރމަންޓް މިނިސްޓްރީން ކާމިޔާބު މަސައްކަތްތަކެއް

10 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ނިމިގެންދިޔަ ދެ އަހަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން މިއަދު ވަނީ އެ މިނިސްޓްރީން މިދިޔަ ދެ އަހަރުގެ ކާމިޔާބީ ހިއްސާކުރުމަށް ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފަ އެވެ. އެ ބައްދަލްވުމުގައި މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ނިމިދިޔަ ދެ އަހަރަކީ އެ މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު ދެ އަހަރު ކަމަށެވެ.

105 ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަސައްކަތް

ރަށްރަށުގައި މިހާރު ހުރި ކައުންސިލް އިދާރާތަކަކީ ވަރަށް ގިނަ ދުވަސްވީ އަދި ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައިވާ ބައު އިމާރާތްތަކެކެވެ. އެހެން ކަމުން ކައުންސިލްތަކަށް އައު އިމާރާތްތަކެއްް ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެކެވެ.

އެ މަސައްކަތް ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިންނެވެ. އެ ގޮތުން 105 ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ ބޮޑު މަޝްރޫޢުއެއް ވަނީ ފަށާފަ އެވެ. އެ މަޝްރޫޢުގެ ދަށުން ކޮންޓެކްޓާ ފައިނޭންސް އުސޫލުން 55 ކައުންސިލް އިދާރާއެއް އިމާރާތް ކުރާނެ އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކޮންސްޓްރަކްޝަން ކުންފުނި އާރުސީސީއާ އެވެ.

އެ ކުންފުނިން މިހާރު ވަނީ އެ މަސައްކަތް ފަށާފަ އެެވެ. އިތުރު 50 ކައުންސިލް އިދާރާއެއް އިމާރާތް ކުރާނީ އެކުވެރި ޗައިނާ ސަރުކާރުގެ އެހީގަ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ މި މަޝްރޫޢު ނިމޭއިރު ބައު ހުރިހާ ކައުންސިލް އިދާރާތައް އައު ކުރެވޭނެ އެވެ.

ކައުންސިލްތަކަށް ފަޅުރަށްތައް ހަވާލުކުރުން

ހުރިހާ މާނައެއްގައި ކައުންސިލްތައް ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމު ފައްކާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެކެވެ. ޚާއްސަކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ އިސް ސިޔާސަތެކެވެ.

ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށް ދިނުމަށް ރަށްރަށުގެ އިހްތިސާސްގައި ފަޅު ރަށްރަށް ހިމެނުމާއި ކައުންސިލްތަަކަށް ފަޅު ރަށްރަށް ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކަމަށް ކައުންސިލްތަކަށް ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް ފަސް ކައުންސިލަކަށް ހަ ފަޅު ރަށެއް ވަނީ ހަވާލުކޮށްފަ އެވެ. ފަޅުރަށްރަށް ބޭނުން ވެގެން ކައުންސިލްތަކުން އިތުރު ޕްރޮޕޯޒަލްތައްވެސް ހުށައަޅާފައިވާ ކަމަށާ އެ ޕްރޮޕޯޒަލްތައް ބަލަމުންގެންދާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިދިޔަ ދެ އަހަރު ވަރަށް ގިނަ ރަށްރަށުގެ އިހްތިސާސްގައި ފަޅު ރަށްރަށް ވަނީ ހިމަނުއްވާ އެކަމުގެ ޤަރާރު ނެރުއްވާފަ އެވެ.

ޢީދު ދިއްލުން - ރަށްރަށް ޢީދުގެ ހަޤީޤީ އުފާ

އީދުގެ އުފާވެރި މުނާސަބަތާއި ގުޅިގެން ކުލަބޮކިން މަގުތައް ދިއްލާ ޒީނަތްތެރި ކުރުމާއި ތަކުބީރުގެ އަޑު އިއްވަން ފެށީ މާލެ ސިޓީގެ މޭޔަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި ދުވަސްވަރު އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެން އެމަނިކުފާނު ވަނީ އެކަން މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

އެ ގޮތުން މިދިޔަ ދެ އަހަރުގެ ޢީދު ގައިވެސް މާލެއާ ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ގިނަ ރަށްތަކެއްގައި ޢީދު ދިއްްލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވެ އެވެ. ސިޓީސް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ މި މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ ޢީދުގައި ޖުމްލަ 36 ރަށެއް ވަނީ ދިއްލާލާފަ އެވެ.

ރޯދަ ހަދިޔާ ބެހުން

ރޯދަ މަހުގެ އުފަލުގައި ރައްޔިތުންނަށް ރޯދަ ހަދިޔާ ބެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުުދުފުޅެކެވެ. އެ ގޮތުން ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅާއި ހަނޑޫ ބަހާފައިވެ އެވެ.

އެ މަސައްކަތް ކުރަނީ ސިޓީސް މިނިސްޓްރީއާ ކަމާގުޅޭ އެހެން މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެންނެވެ. މިދިޔަ ދެ އަހަރުވެސް މުޅި ރާއްޖޭގައި އެ މަސައްކަތް ކުުރިއަށް ގެންގޮސްފައިވެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި އަންނަ ރޯދައަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތަށް މިހާރު ވަނީ ތައްޔާރުވާން ފަށާފަ އެވެ. ފުރިހަމަ އިންތިޒާމުތަކާއެކު މި ފަހަރުވެސް އެކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަން ވަނީ ރާވާފަ އެވެ.

115 ރަށެއްގައި ކުޑަކުދީންގެ ޕާކު ތަރައްޤީކުރުން

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޑަކުދީންނަށް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ކުޑަކުދީންގެ ޕާކުތައް ތަަރައްޤީ ކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެކަން އެމަނިކުފާނުގެ ވަަޢުދުފުޅުތަކުގެ ތެރޭގައި ހިމެނުއްވެވީ ކެމްޕެއިނަށް އެމަނިކުފާނު ވަޑައިގެންނެވި ވަރަށް ގިނަ ރަށްރަށުގެ ކުޑަކުދީން އެ ރަށްރަށުގައި ކުޑަކުދީންގެ ޕާކެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރުމުންނެވެ.

އެ މަސައްކަތް ސިޓީސް މިނިސްޓްރީއާ ހަވާލުކުރައްވާ 2026 ވަނަ އަހަރުގެ ނިޔަލަށް އެ މަޝްރޫޢު އެކަށް ނިންމެވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. އެހެން ކަމުން ކުޑަކުދީންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާއި ހަވާލުކޮށްގެން މިހާރު ދަނީ ކުރަމުންނެވެ.

އެގޮތުން 57 ރަށެއްގައި ކުޑަކުދީންގެ ޕާކު މުޅީން އަލަށް ތަރައްޤީކުރާނެ އެވެ. 73 ރަށެއްގައި ކުޑަކުދީންގެ ޕާކު މަރާމާތުކޮށް ތަކެތި ފޯރުކޮށްދެވޭނެ އެވެ. އެގޮތުން ޖުމްލަ 115 ރަށެއްގައި ކުޑަކުދީންގެ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އެވެ.

ފެރީ ގިމަތަތައް ނިންމާ ކައުންސިލްތަކާއި ހަވާލުކުރުން

އާރުޓީއެލް ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ފެށުމަކީ ވެސް ރައީސް މުޢިއްޒުގެ ވައުދުފުޅެކެވެ. ޚާއްސަކޮށް ކުރީން ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް އެ ޚިދުމަތް މުޅި ރާއްޖެއަށް ވީހާވެސް އަވަހަކަށް ފެށުމަށް އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ.

ފެރީގެ ޚިދުމަތާއެކު ކޮންމެ ރަށެއްގައި ވެސް ރީތި ފެރީ ގިމަތައެއް ދަނީ ހަދަމުންނެވެ. އެތަންތަން ކުރީން ހުރީ މިނިސްޓްރީގެ ދަށުގަ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފެރީ ގިމަތަތައް ކައުންސިލްތަކާއި ހަވާލުކުރަން ނިންމާފަ އެވެ.

އެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެ ގޮތުން ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގެ 27 ފެރީ ގިމަތަ ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް ވަނީ ނިންމާފަ އެވެ.

ސްޓޭޓްހައުސްތައް މަރާމާތުކުރުން

އަތޮޅު ވެރިކަން ކުރާ ރަށްރަށުގައި ހުންނަ އަތޮޅު ކައުންސިލްގެ ގެތައް ނުވަތަ ސްޓޭޓްހައުސްތައް މަރާމާތުކުރުމަކީ ވެސް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ މެންޑޭޓްގެ ތެރޭގައި ހިމަނުއްވާފައިވާ ކަމެވެ.

އެހެން ކަމުން އެ މަސައްކަތް ސިޓީސް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެ ގޮތުން މިދިޔަ އަހަރު ދެ ތަނެއް ވަނީ މަރާމާތުކޮށްފަ އެވެ. އިތުރު ސްޓޭޓް ހައުސްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.

ހެޕިނަސް އިންޑެކްސް އެކުލަވާލުން

ސިޓީސް މިނިސްޓްރީން ކުރަމުންދާ އެންމެ މުހިންމު އެއް ކަމަކީ ހެޕިނަސް އިންޑެކްސް އެކުލަވާލުމެވެ. މިއީ ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ހުރި މިންވަރު ބެލުމަށް ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކެކެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި ވަރަށް ގިނަ ބައެއްގެ ޝާމިލްވުން އޮވެގެން އެ މަަސައްކަތުގެ ފުރަތަމަ ޑްރާފްޓް ވަނީ އެކުލަވާލާފަ އެވެ. އަދި ވަަރަށް އަވަހަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެ ޑްރާފްޓް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަންނަ އަހަރު ޕައިލެޓް ޕްރޮގްރާމެއް ކޮންމެވެސް އެއް އަތޮޅެއްގައި ހިންގަވާނެ ކަމަށެވެ.

މާލޭގައި ހުރި ބައު އިމާރާތްތައް ތަޅާލުން

މާލޭގައި ހުރި ބައު އިމާރާތްތައް ތަޅާލުމުގެ މަސައްކަތްވެސް ސިޓީސް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެތަންތަން ތަޅާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދަނީ އެތަންތަން ކުށްކުރާ މީހުންގެ އައްޑާތަކަކަށް ބަދަލުވެ އާންމުންނަށް ވަރަށް ބޮޑަށް އުނދަގުލާއި ދަތިކުރިމަތިވާން ފެށުމުންނެވެ.

އަދި އެފަދަ އިމާރާތްތަކުގައި ނުރައްކާތެރި ހާދިސާތައް ވެސް ހިންގުން އިތުރުވާން ފެށުމުންނެވެ. މިނިސްޓްރީން ވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެފަދަ ހަތަރު އިމާރާތެއް ތަޅާލާފަ އެވެ.

ދ. އުއްދޫ ތަރައްގީ ކުރުން

ނިލަންދެއަތޮޅު ދެކުނުބުރީ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވާ އެ ރަށް ތަރައްޤީ ކުުރުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީއާ ހަވާލުކުރެއްވި އެވެ.

މިނިސްޓްރީން ވަނީ އެ ރަށް ތަރައްޤީކޮށް އެޕްރީލް މަހުގެ 15 ވަނަ ދުވަހު ހުޅުވާލައިފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް 2850 މީހަކު އެ ރަށަށް ދަތުރުގޮސްފައިވެ އެވެ.

މީގެ އިތުރުން ވެސް އެ މިނިސްޓްރީން ދަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު