ENGLISH

07 ޑިސެމްބަރު 2025

Advertisement

ރާއްޖެ ވެގެން މިދަނީ މިސަރަހައްދުގައި ވެސް އީ-ވިސާ ދޭން ފަށާ ފުރަތަމަ ގައުމަށް: އިހުސާން

10 ނޮވެމްބަރު 2025

|

ހަސަން އާމިރު

ދިވެހި ރާއްޖެ ވެގެން މިދަނީ މިއަދު މި ސަރަހައްދުގައި ވެސް 100 ޕަސެންޓް އީ-ވިސާ ދޭން ފަށާ ފުރަތަމަ ގައުމަށް ކަމަށާއި އެކަމުން ދޭހަކޮށްދެނީ ލީޑަރެއްގެ ވިޝަން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހާސަން މިއަދު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަނުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި އިހްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒަކީ ވިޝަނެއް އޮވެގެން މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށާއި އެމަނިކުފާނުގެ ދަށުން މިފަދަ މަސައްކަތްކުރާ މީހުންނަށް ކަންކަން ކުރެވިދާނެ ކަަމަށެވެ. އަދި ރައީސް ގެންދަވަނީ ކޮންމެ ދުވަހަކު ވެސް މަގު ދައްކަވަމުން ކަމުގައި އިހްސާން ވިދާޅުވި އެވެ.

"މިއީ މީގެ ދޮޅު އަހަރު ކުރިން ރައީސް ލޯންޗްކޮށްދެއްވި މަސައްކަތެއްގެ ނަތީޖާ. ދިވެހި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ހޯމް މިނިސްޓްރީގެ މަައްޗަށް ރައީސް މަތިކުރައްވާފައިވާ އެންމެ ބޮޑު އެއް ޒިންމާ. އެގޮތުން ކުރިއަށް ގެންދާ އެއް މަސައްކަތަކީ އޮޕަރޭޝަން ކުރަނގި،" ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އިހްސާން ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މިހާރު ވާނީ 190،000 ވަރަކަށް ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ ސިސްޓަމަށް އަޕްޑޭޓްކޮށްފައި ކަމަށާއި މި މަސައްކަތުގެ އަސްލު ނަތީޖާ ފެންނާނީ ދެވަނަ ފޭސްގައި ކަމަށެވެ. އެއީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ގަވާއިދަށް ފެއްތުމާއި ނުފެއްތޭ މީހުން ރާއްޖޭން ބޭރު ކުރުން ކަމަށެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދާޚިލީ ސަލާމަތާ ގުޅޭ އެކި އިދާރާތައް އެއް ވުޒާރާއެއްގެ ދަށަށް ގެންނަވާ ރައީސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ އަމާޒެއް އޮތް ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ. އެއީ:

- ޑްރަގްސްގެ މައްސަލަ ހައްލުވެފައި އޮތް ރާއްޖެއެއް ފެނުން

- ގޭންގްތަކުގެ މައްސަލަ ހައްލުވެފައި އޮތް ރާއްޖެއެއް ފެނުން

- ގަވާއިދާޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުވެފައި އޮތް ރާއްޖެއެއް ފެނުން

ވަޒީރު ވިދާޅުވީ ފެނިގެން ދަނީ މި އަމާޒު ހާސިލްވާ ތަންކަމަށާއި ލޯ އެންފޮސްމެންޓް އެޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން ވެސް ވަރަށް ބޮޑަށް ރަނގަޅުވާތަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު