ENGLISH

10 އޭޕްރީލު 2025

Advertisement

ރޮނާލްޑޯގެ ދެ ގޯލުން އަލް ނަސްރު އަށް މުހިއްމު މޮޅެއް

30 ނޮވެމްބަރު 2024

|

ޢަލީ ޝާހީން

ރޮނާލްޑޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: ސައުދީ ޕްރޯ ލީގު

ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހިދެ ލަނޑާ އެކު ސައުދީ ޕްރޯ ލީގުގެ އަލް ނަސްރު މުހިންމު މޮޅެއް ހޯދައިފިއެވެ.

ދަމާކްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އަލް ނަސްރު ވަނީ، ތާވަލްގެ އެއްވަނައިގައި އުޅޭ އަލް އިއްތިހާދާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ.

ތާވަލްގެ އެއްވަނައިގައި އޮތް އަލް އިއްތިހާދަށް 11 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ. ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން، އަލް ހިލާލް އެވެ. ތިނެއްގައި އޮތް އަލް ނަސްރަށް ލިބިފައި ވަނީ 12 މެޗުން 25 ޕޮއިންޓެވެ. 

މި މެޗުގައި ރޮނާލްޑޯ ވަނީ ކޮންމެ ހާފެއްގައި ލަނޑެއް ޖަހައިފައެވެ.

އަލް ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވައްދާލި ލަނޑުންނެވެ. މިއީ ދަމާކްގެ ކުޅުންތެރިއަކު އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ދަމާކްގެ އަލްޖީރިއާ ޑިފެންޑަރު، އަބްދުލްކާދިރު ބެދްރާން އަށް ސީދާ ރަތް ކާޑެެއް ދެއްކުމުން އެ ޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް، އަލް ނަސްރުގެ ދެވަނަ ލަނޑު ރޮނާލްޑޯ ޖެހީ ގޯލާ ވަރަށް ކައިރިން ފޮނުވާލި ބޯޅައަކުންނެވެ. މި ގޯލާ އެކު ރޮނާލްޑޯ ވަނީ ނުވަ ގޯލާއެކު ލަނޑު ލިސްޓުގެ ދެވަނަ އަށް ޖެހިލައިފައެވެ. އެންމެ ކުރީގައި އުޅޭ އަލް ހިލާލްގެ ސާބިއާ ފޯވާޑް، އަލެކްސެންޑާ މިޓްރޮވިޗް ވަނީ 12 ލަނޑު ޖަހައިފައެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި އަލް އިއްތިފާޤުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް އަލް އިއްތިހާދު ބައްދަލުކުރާ މެޗާއި، ރަށުން ބޭރުގައި އަލް ޝަބާބުއާ ދެކޮޅަށް އަލް ހިލާލް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު