ENGLISH
03 ފެބްރުއަރީ 2026
އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އީ-ވިސާ ތަޢާރަފްކޮށްފި
10 ނޮވެމްބަރު 2025
|
އެންމެ މަޤްބޫލު
މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އީ-ވިސާގެ ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ބާސެލޯ ނަސަންދުރަ ހޮޓެލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރާ ވިސާ ޑިޖިޓަލްކޮށް އިލެކްޓްރޯނިކް ވިސާއަކަށް ބަދަލު ކުރުމަކީ ދިވެހި ރާއްޖެ 2.0 ގެ އަސާސްތަކާ އެއްގޮތަށް ބާރުދޭ ގޮތަށް، އިމިގްރޭޝަނުގެ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް މީހަކު އިސްތިސްނާނުކޮށް ކޮންމެ ރައްޔިތަކަށް ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭ އިޖާދީ ބަދަލެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން، އެމްއައި އައިޑީ ޖެކާ، ވެސް ތައާރަފްކޮށްފަ އެވެ. މި އެޕްލިކޭޝަން އިފްތިތާހުކޮށް ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އލީ އިހްސާން އެވެ.
މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ރާއްޖޭގެ 2.0 ގެ ސިޔާސަތުތައް ހާސިލްކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގައި އިތުރުވެގެން ދިޔަ ބޮޅެކެވެ. މި އެޕްލިކޭޝަނަށް ބިދޭސީއެއްގެ ފޮޓޯއެއް އަޕްލޯޑް ކުރުމުން އެމީހަކާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބިގެންދާނެ އެވެ. ނުވަތަ ޕާސްޕޯޓް ނަމްބަރާއި ވޯކް ޕާމިޓް ނަމްބަރު އަދި ވޯކް ޕާމިޓުގައި ހިމެނޭ ކިއުއާރް ކޯޑް ސްކޭންކޮށްގެން ވެސް އެމީހަކާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދައި އެ މީހަކު ދެނެގަނެވޭނެ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުގެ މަސައްކަތްތައް ހަރުދަނާކޮށް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިއަދު ވަނީ އިމިގްރޭޝަނުގެ އާ ވެބްސައިޓް އިފްތިތާހުކޮށް މޯބައިލް އެޕްލިކޭޝަން ވެސް ތަޢާރަފްކޮށްފަ އެވެ. ވެބްސައިޓް ލޯންޗުކޮށް އެޕްލިކޭޝަން ތަޢާރަފްކޮށްދެއްވީ ކޮންޓްރޯލް އޮފް އިމިގްރޭޝަން، ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހު އެވެ.
މިއީ މޯލްޑިވްސް އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް އެއްތަނަކުން ފަސޭހައިން ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
ދިވެހި ރާއްޖެ 2.0 އޯގެ ތަސައްވަރަށް ވާސިލުކޮށްދިނުމަށް ރާއްޖޭގެ ތަރައްގީ އާއި ތަމައްދަނަށް ފަހެލި ބަދަލުތަކެއް ގެނެސްދީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގުންގުޅުއްވާ ދުރު ވިސްނުންފުޅާއި ކޮށްދެެއްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ރައީސް އަށް ހަނދާނީ ފިލައެއް އަރުވައިފައެވެ.
މި އަހަރަކީ މޯލްޑިވްސް އިމިގްރޭޝަނުން ޚިދުމަތް ފޯރުކޮށްދޭތާ 75 އަހަރު ފުރޭ އަލިމަސް ޔޫބީލް އަހަރެވެ.