ENGLISH
09 ނޮވެމްބަރު 2025
ނިމިދިޔަ ސަރުކާރުގެ ޚިޔާނާތާ އިހްމާލް: ހުޅުމާލެ ހޮސްޕިޓަލްގައި ހިންގާ ބޭސްފިހާރަތަކާއި ކެންޓީން ކުލީގެ 1.7 މިލިއަން ނުލިބޭ
09 ނޮވެމްބަރު 2025
|
ހުޅުމާލެ ހޮސްޕިޓަލް -- ފޮޓޯ: އެޑިޝަން
ހުޅުމާލެ ހޮސްޕިޓަލްގެ ގޯތީތެރޭ ކުއްޔަށް ދޫކޮށްފައިވާ ބޭސްފިހާރަތަކުންނާއި ކެންޓީނުން ލިބެން ޖެހޭ ފައިސާ ލިބިފައިނުވާތީ އެ ފައިސާ ހޯދަން އޮޑިޓަރު ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.
އެ އޮފީހުން އެކަން އަންގާފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް އަދި 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގަ އެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވަނީ އެއްބަސްވުމެއް ނެތި ބޭސް ފިހާރައެއް ހިންގުމަށް ހުޅުމާލެ ހޮސްޕިޓަލްގެ ގޯތީގެ ބިމުން ބައެއް ކުންފުންޏަކަށް ދޫކޮށްފަ އެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ބޭސްފިހާރަތަކުންނާއި ކެންޓީނުން ލިބެން ޖެހޭ ފައިސާ ވެސް ލިބިފައެއް ނުވެ އެވެ.
އެގޮތުން ކުއްޔަށް ދޫކޮށްފައިވާ ބޭސްފިހާރަތަކުންނާއި ކެންޓީނުން ލިބެން ޖެހޭ 1,739,375 ރުފިޔާ ލިބިފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ. އެ ފައިސާ ހޯދުމަށްވެސް އޭރު މަސައްކަތް ކޮށްފައިނުވާ ކަަމަށް ވަނީ ބުނެފަ އެވެ.
އަދި އެއްބަސްވުމެއް ނެތި ބޭސް ފިހާރައެއް ހިންގުމަށް ހުޅުމާލެ ހޮސްޕިޓަލްގެ ގޯތީގެ ބިމުން ބައެއް ކުންފުންޏަކަށް ދޫކޮށްފައިވާ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އޮޑިޓަރު ޖެނެރަލްގެ ރިޕޯޓްގައި ބުނެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ މިލްކިއްޔާތުގެ ބަޔާނުގައި 2021 ވަނަ އަހަރު ނިމުނުއިރު އާސަންދަ ފިޔަވައި ހުޅުމާލެ ހޮސްޕިޓަލަށް ލިބެން ޖެހޭ ފައިސާގެގޮތުގައި ދައްކާ 9,423,221 ރުފިޔާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ.
* އެއްބަސްވުމެއް ނެތި ބޭސް ފިހާރައެއް ހިންގުމަށް ކުންފުންޏަކަށް ދިނުން
* ބޭސްފިހާރަތަކުންނާއި ކެންޓީނުން ލިބެން ޖެހޭ 1,739,375 ރުފިޔާ ނުލިބޭ
* ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރޭ
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް އާސަންދައިގެ ދަށުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުވީ ނަމަވެސް އާސަންދައިގެ ދަށުން ހިނގަމުން ދިޔައިރު ކުއްޔަށް ދީފައިވާ ހުޅުމާލެ ހޮސްޕިޓަލްގެ ދެ ބޭސް ފިހާރައާ ކެންޓީންގެ އެއްބަސްވުން ހުޅުމާލެ ހޮސްޕިޓަލްގެ ނަމަށް ބަދަލެއް ނުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އޮޑިޓަރު ޖެނެރަލް ވަނީ އުސޫލާއި ޚިލާފަށް ކޮށްފައިވާ މިކަންކަން އިސްލާހުކޮށް އެ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށް އަންގާފަ އެވެ.