ENGLISH
09 ނޮވެމްބަރު 2025
ނޮވެންބަރުގެ ފުރަތަމަ އަށް ދުވަހު އައި ފަތުރުވެރިން %14.4 އިތުރުވެ ބައިލައްކައަށްވުރެ މައްޗަށް
09 ނޮވެމްބަރު 2025
|
ހިނގަމުންދާ ނޮވެންބަރު މަހުގެ ފުރަތަމަ އަށް ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 14.4 އިންސައްތަ އިތުރުވެ ބައިލައްކައަށްވުރެ މައްޗަށް އަރާފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް 51،543 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި އައި 45،043 ފަތުރުވެރިންނާ އަޅާބަލާއިރު 14.4 އިންސައްތަ އިތުރު އަދަދެކެވެ.
ނޮވެންބަރު މަހާއެކު ފަތުރުވެރިކަމުގެ ޕީކް ސީޒަން ނުވަތަ އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މޫސުން ފެށިފައިވާއިރު، މި އަހަރުގެ އޮފް ސީޒަން ނުވަތަ ފަތުރުވެރިން މަދުން އަންނަ ދުވަސްވަރުވެސް ކުރީ އަހަރުތަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
އެއާއެކު މި އަހަރުގެ މިހާތަނަށް 1،878،477 (އެއް މިލިއަން އަށްލައްކަ ހަތްދިހަ އަށްހާސް ހަތަރު ސަތޭކަ ހަތްދިހަ ހަތް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.
ނޮވެންބަރު މަހުގެ ފުރަތަމަ އަށް ދުވަހު އެވެރެޖުކޮށް ދުވާލަކު 6،443 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އަދި މުޅި އަހަރަށް ބަލާއިރު އެވެރެޖުކޮށް ދުވާލަކު ރާއްޖެއަށް ޒިޔާރަތްކުރި 6،021 ފަތުރުވެރިންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 73.8 އިންސައްތަ ނުވަތަ 1،385،455 (އެއް މިލިއަން ތިން ލައްކަ އަށްޑިހަފަސް ހާސް ހަތަރު ސަތޭކަ ފަންސާސް ފަސް) ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓުތަކަށެވެ. ގެސްޓުހައުސްތަކަށް އައި ޖުމްލަ ފތުރުވެރިންގެ 21.5 އިންސައްތަ ނުވަތ 404،027 ފަތުރުވެރިންނެވެ. ސަފާރީ އުޅަނދުފަހަރަށް އައީ 39،098 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ ރަަޝިޔާއިންނެވެ.