ENGLISH
09 ނޮވެމްބަރު 2025
ބީއެމްއެލްއިން ދޭ ޔަގީންކަން؛ ހުރިހާ ލޯނެއްވެސް ދޫކުރަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން
09 ނޮވެމްބަރު 2025
|
ބޭންކް އޮފް މޯލްޑިވްސްއިންވަނީ އެ ބޭންކަށް ކުރެވޭ ހުރިހާ ތުހުމަތެއް ދޮގުކޮށްފައި، ފޮޓޯ: މިހާރު
އުސޫލުތަކާ ހިލާފަށް ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ކަމެއް ނުކުރާނެކަމަށާއި، އެއްވެސް ފަރާތަކަށް ބޭންކުން ލޯނެއް ދޫކުރާނަމަ އެކަން ކުރާނީ ބޭންކުގައި ހިރާސް މެނޭޖުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބޭންކު އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
މިފަދައިން ބޭންކުން ބުނީ ސަރުކާރުގެ މުހިއްމު 206 މަޝްރޫއެއް ބޭންކުގެ ލޯނުގައި ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމާ ގުޅިގެން އެކަން ކުރީ ބޭންކުގެ ބޯޑުން ހުއްދަ ނެގުމެއް ނެތި ލޯނު ދިނުމުގެ އުސޫލުތަކާ ހިލާފަށް ކަމުގައި ބައެއް ފަރާތްތަކުން ތުހުމަތުކުރާތީ އެކަމާ ގުޅިގެން ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައެވެ.
ބީއެމްއެލްއިން ބުނީ ބޭންކުން މަސައްކަތްކުރަނީ ފުރިހަމަ މިނިވަންކަމާއެކު، މާލީ ގޮތުން ބަލަންޖެހޭ ކަންކަމަށް އެންމެ އެކަށީގެންވާ ގޮތަށް ބަލައިގެން ކަމަށެވެ. އެކަމުގައި ބޭންކުން ހިފަހައްޓަމުންދަނީ ކޯޕަރޭޓް ގަވަނެންސްގެ ބައިނަލްއަގުވާމީ އެންމެ ރަނގަޅު މިންގަނޑުތައް ކަމަށާއި، އެގޮތުން ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައިވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދާ އެއްގޮތަށް، އެމްއެމްއޭއިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި މިންގަނޑުތަކުގެ އިތުރުން III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމުގައެވެ.
އަދި މިނިވަންކަމާއެކު ބައިނަލްއަގުވާމީ އޮޑިޓު ފާމްތައް މެދުވެރިކޮށް ބޭންކުގެ އޮޑިޓުތައް ހަދަމުންދާކަމަަށާއި، އެ އޮޑިޓުތަކުން ބީއެމްއެލްގެ ހިންގުން ހަރުދަނާކަން ސާބިތުވާކަމަަށްވެސް ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި ބޭންކު ހިންގަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓްރެޓެޖީގެ މައްޗަށް ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް ބޯޑުގެ ނިންމުންތަކާއި އިރުޝާދާއި ލަފާގެ ދަަށުން ކަމަށާއި، ބޭންކުން ލޯނު ދޫކުރަނީ ބޭންކުގެ ކްރެޑިޓް ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެމްއެމްއޭގެ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ ގޮތަށް ކަމުގައިވެސް އެ ބޭނުންކުން ބުނެފައިވެއެވެ.
އެގޮތުން ލޯނު ދޫކުރުމުގައި ލޯނު އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރަށާއި ސިންގަަލް ބޮރޮވާ އެކްސްޕޯޝަރ އަދި ގްރޫޕު ބޮރޮވާ އެކްސްޕޯޝާއަށްވެސް ބޭންކުން ރިއާޔަތްކުރާކަމަށް ބީއެމްއެލްއިން ބުންޏެވެ.
"ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލައެވެ. އަދި ލޯނު ދޭނީ އަންޑަރ ރައިޓިން އުސޫލާ އެއްގޮތަށް. މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލު. ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ. ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ.،" ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރަށް އެކި ދާއިރާތަކަށް ލޯނު ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބޭންކުން ކަަނޑައަޅާފައިވާކަން ބީއެމްއެލްއިން ފާހަގަކުރިއެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރުވެސް ހިމެނޭ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
އަދި ބޭންކުގެ އުސޫލުތައް އެކުލަވައިލާފައިވަނީ ބޭންކުން ލޯނު ދޫކުރުމާ ގުޅޭ ނިންމުންތައް ނިންމުމުގައި ވަކި މުވައްޒަަަފަކަށް ބާރެއް ނޯންނާނެހެންކަމަށާއި، ލޯނު ދޫކުރުމުގެ ކަންކަން މިހާރު ހިނގަމުންދަނީވެސް އަދި ކުރިއަށް އޮތް ތަނުގައި ހިނގަމުންދާނީވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ސިޔާސަތުތަކއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.
މި އަހަރުގެ ތިންވަނަ ކުއާޓާ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯއަކީ 23.7 ބިލިއަން ރުފިޔާއެވެ. މި އަހަރު އެކަނި 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. ބޭންކުންވަނީ ބޭންކުން ދޫކުރި ލޯނުތަކުގެ ތަފުސީލު ހާމަކޮށްފައެވެ. އެގޮތުން އެކި ދާއިރާތަކަށް ބޭންކުން ދޫކޮށްފައިވާ ލޯނުތަކަށް ބަލާއިރު އެއް ދާއިރާއަކަށް އެންމެ ގިނައިން ލޯނު ދޫކުރީ ޓޫރިޒަމް ދާއިރާއަށެވެ.
* ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ
ބީއެމްއެލްއިް ރާއްޖޭގެ ތަރައްގީއާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓެއް ކުރަމުންދާކަން ފާހަގަކުރަމުން ބީއެމްއެލްއިން ބުނެފައިވަނީ ގައުމީ ތަރައްގީގައި ބޭންކުގެ ހިއްސާ ކިތަންމެ ބޮޑަސް، ބޭންކުން އަމަލުކުރާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހިންގުމުގެ ހަރުދަނާ އުސޫލުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމުގައެވެ.
އަދި ބޭންކާ ގުޅޭ ކަންކަމުގައި އާއްމުންނަށް ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނެފެތުރުމަށް އިލްތިމާސްކުރުމާއެކު، ވަކި މަގުސަދެއް ހާއިލުކުރުމަށް ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުންނަށް ކަންކަން އޮޅޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ބަޔާންކޮށް އެފަދަ ކަންކަން ތަކުރާރުނުކުރުމަށް ބޭންކުން އިލްތިމާސްކުރިއެވެ.