ENGLISH

09 ނޮވެމްބަރު 2025

Advertisement

އޭސީސީގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބު: އެންމެ ގިނައީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތައް

09 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

އޭސީސީގެ ބައްދަލުވުމެއް ކުރިއަށްދަނީ. ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް 2025 ގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބު އާއްމުކޮށްފިއެވެ. 

މީސްމީޑިއާގައި އާއްމުކުރި ތަފާސްހިސާބުގައި، މިއަހަރުގެ ޖެނުއަރީ އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ޕްރޮކިއުމެންޓާ ގުޅުންހުރި މައްސަލަތަކެވެ. 

ތަފާސްހިސާބު އެ އިދާރާއިން އާއްމުކުރީ ދެ ކުއާޓާ ވަކިވަކިންނެވެ. އެގޮތުން ދެ ކުއާޓަރުގައި ވެސް އެންމެ ގިނައީ ޕްރޮކިއުމެންޓާ ގުޅުންހުރި މައްސަލަތަކެވެ. 

ފުރަތަމަ ހަ މަސްދުވަހު ޕްރޮކިއުމެންޓާ ގުޅުންހުރި 73 މައްސަލަ ވަނީ ހުށަހެޅިފައެވެ. ދެން އެންމެ ގިނައީ ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުންކުރުމާ ގުޅޭ މައްސަލަތަކެވެ. އެ ބާވަތުގެ 30 މައްސަލަ ޖޫން މަހުގެ ނިޔަލަށް ހުށަހެޅުނެވެ. ތިންވަނައަށް އެންމެ ގިނައީ ކުއްޔަށް ދޫކުރެވޭ ބިންތަކާއި ތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އޭގެ 22 މައްސަލަ ހުށަހެޅުނުއިރު ވަޒީފާއާ ގުޅުންހުރި 17 މައްސަލަ ހުށަހެޅިފައިވެއެވެ. 

މައްސަލަ ހުށަހެޅުނު ނިސްބަތަށް ބަލާއިރު ދެ ކުއާޓަރުގައި ވެސް އެންމެ ގިނައިން މައްސަލަތައް ހުށަހެޅުނީ އަތޮޅުތެރެއިންނެވެ. ފުރަތަމަ ކުއާޓަރުގައި ހުށަހެޅުނު ޖުމްލަ މައްސަލައިގެ 53.8 އިންސައްތަ ހިއްސާވަނީ އަތޮޅުތަކެވެ. ދެވަނަ ކުއާޓަރުގައި އެ އިންސައްތަ ވަނީ 63.1 އިންސައްތައަށް އަރައިފައެވެ. 

މާލެ ސަރަހައްދުން ފުރަތަމަ ކުއާޓާރުގައި ހުށަހެޅުނު މައްސަލައިގެ ނިސްބަތަކީ 46.2 އިންސައްތައެވެ. ދެވަނަ ކުއާޓަރުގައި އެ އަދަދު ހުރީ 36.9 އިންސައްތައިގައެވެ. 

އޭސީސީން ވަނީ ހޭލުންތެރިކުރުމުގެ ގޮތުން ހިންގުނު ވޯކްޝޮޕް އަދި ތަމްރީން ޕްރޮގްރާމްތަކުގެ މަޢުލޫމާތު ވެސް އާއްމުކޮށްފައެވެ. 

ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކަކީ، ދައުލަތުގެ އިދާރާތަކަށް ނަދައިދިން ކޮރަޕްޝަން ޕްރިވެންޝަން ޕްރޮގްރާމްތަކާއި، ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ވޯކްޝޮޕް އަދި ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމަށް އަހުލުވެރިކުރުވުމަށް ހިންގާފައިވާ ޕްރޮގްރާމްތަކެވެ.

އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ ތިން ދާއިރާއިން 14 ޕްރޮގްރާމް ކުރިއަށްގެންދިޔައިރު، ޕްރޮގްރާމްތަކުގައި 488 މީހުން ވަނީ ބައިވެރިވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު