ENGLISH
12 ނޮވެމްބަރު 2025
ދިއްފުށީ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
09 ނޮވެމްބަރު 2025
|
ދިއްފުށީ ފުޓްބޯޅަ ވަށާ ފާރު ރޭނުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
ކ.ދިއްފުށީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ކަމަށެވެ. އަދި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ދިއްފުށީ ފުޓްބޯޅަ ދަނޑުގައި ކުރިންވަނީ ޓާފް އަޅައިފަ އެވެ. އެހެންނަމަވެސް ޒަމާނީ ދަނޑެއްގައި ހުންނަންޖެހޭ ވަސީލަތްތަކުގެ ތެރެއިން ރޮސްޓްރަމް، ޗޭންޖިންގ ރޫމް ފަދަ ވަސީލަތްތައް ދަނޑުގައި ތަރައްޤީކުރެވިފައެއް ނެތެވެ.
އެހެންކަމުން، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު މިފަދަ ވަޞީލަތްތައް މަދު ރަށްރަށުގައި، ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން، ރޭގަނޑު ކުޅެވޭގޮތަށް ދަނޑުތަކުގައި ލައިޓްހަރުކުރުމާއި، ޗޭންޖިންރޫމް އަދި ރޮސްޓްރަމްތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އުފާވެރި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ރައްޔިތުންނަކީ ކުޅިވަރާ އަދި ކަސްރަތުކުރުމަށް ހޭލުންތެރި ބަޔަަކަށް ހެދުމާއެކު، އެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހަލުވި ދުވެލީގައި ކުރަމުންނެވެ.
އެމްޓީސީސީން އަންނަނީ ވޭތުވެދިޔަ 44 އަހަރުތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީގެ ގިނަ މަސައްކަތްތައް ކުރަމުންނެވެ.