ENGLISH

08 ނޮވެމްބަރު 2025

Advertisement

އަންނަ އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީގެ ބަޖެޓު %170.5 އިތުރުވާނެ

08 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް ބޮޑުކޮށްދެއްވުމަކީ ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅެއް، ފޮޓޯ: އެމްވީޕްލަސް

އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދެމުންދާ އެހީތެރިކަން އިތުރުކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު 170.5 އިންސައްތަ އިތުރުކުރަން ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2026 ވަނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ދައްކައިފިއެވެ. 

ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު ފާއިތުވި 2024 ވަނަ އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް ދިނުމަށް ހަރަދުވީ 66.7 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ނިޔަލަަށް އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތް ދިނުމަށް ހަރަދުވާނެ ކަމުގައި ބެލެވެނީ 78.4 މިލިއަން ރުފިޔާއެވެ. 

އަންނަ އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތް ދިނުމަށް 211،608،000 (ދުއިސައްތަ އެގާރަ މިލިއަން ހަލައްކަ އަށްހާސް) ރުފިޔާ ހަރަދުވާނެ ކަމުގައި އަންދާޒާކޮށްފައިވެއެވެ. އެއީ މި އަހަރު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތަށް ހޭދަވާނެ ކަމުގައި ބެލެވޭ އަދަދާ އަޅާބަލާއިރު 170.5 އިންސައްތަަ އިތުރު އަދަދެކެވެ. 

އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ދޭ އިނާޔަތުގެ ހަރަދު އަންނަ އަހަރު އިތުރުވަނީ އެފަދަ ފަރާތްތަކަށް ލިބޭ ފައިސާގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. ފާއިތުވި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ލ.ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެކަނިވެރި މައިންބަފައިންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކުރަން ނިންމެވިކަން އިއުލާނުކުރައްވާފއެވެ. 

އެއީ ރިޔާސީ އިންތިހާބުގައި ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ކޮންމެ ކުއްޖަކަށް 3،000 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ. މިހައިތަނަށް ދައުލަތުން އެކަނިވެރި މައިންބަފައިންނަށް އިނާޔަތުގެ ގޮތުގައި ދެމުންއައީ ކޮންމެ ކުއްޖަކަށް 2،000 ރުފިޔާއެވެ. 

ސަރުކާރުގެ ނިންމުމާއެކު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް ލިބެންޖެހޭ 5،878 މީހުންނަށް ކުރިން ލިބެމުންއައި ފައިސާއަށްވުރެ ބޮޑުތަނުން ދައުލަތުންް ދޭ ފައިސާ އިތުރުވާނެއެވެ. މިއީ އެކަނިވެރި ހާލުގައި އެހެން މީހެއްގެ އެހީތެރިކަމެއް ނެތި ދަރިން ބަލާ މަންމައިންނާއި ބައްޕައިންނަށް ލިބިގެންދާނެ ބޮޑު މާލީ ލިުޔަކަށްވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު