ENGLISH
08 ނޮވެމްބަރު 2025
ބަޖެޓު 2026؛ މަސްވެރިކަމުގެ ކުރިއެރުމަށް ބޮޑު ބަޖެޓެއް، ގިނަ މަޝްރޫއުތަކެއް ހިންގޭނެ
08 ނޮވެމްބަރު 2025
|
މިފްކޯގެ ފެލިވަރު މަސް ކާރުހާނާ، ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖެއަކީ ހިކިފަސްތަނަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެކެވެ. ޒަމާނުއްސުރެ މަސްވެރި ގައުމެއްގެ ގޮތުގައި ސިފަކުރެވުނު ދިވެހިރާއްޖޭގައި މަސްވެރިކަން ސިނާއީ ފެންވަރެއްގައި ތަރައްގީކުރެވިފައި ނެތުމުގެ ސަބަބުން، ފާއިތުވި އަހަރުތަކުގައި ދިވެހި އިގުތިސާދުގައި މަސްވެރިކަމުގެ ހިއްސާ އޮތީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން 2023 ވަނަ އަހަރު ރިޕޯޓުކުރި ގޮތުގައި ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގައި މަސްވެރިކަމުގެ ހިއްސާއަކީ އެންމެ 4.0 އިންސައްތައެވެ. އެއީ މަސްވެރިކަން ތަރައްގީކުރަން ކުރެވުނު މަސައްކަތްތަކުގެ މަދުކަމުގެ ނަތީޖާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވިއިރު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް ދާއިރާގެ ގޮތުގައި ކަނޑައަޅުއްވާފައި އޮތީ މަސްވެރިކަމެވެ. އެ ދާއިރާ ތަރައްގީކޮށް، ގައުމީ އުފެއްދުންތެރިކަމުގައި މަސްވެރިކަމުގެ ހިއްސާ އިތުރުކޮށް، އެ ސިނާއަތުން ލިބޭ މަންފާ އިތުރުކުރެވޭނެހެން ސިޔާސަތުތައް ތަރުތީބުކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.
އެކަމަށްޓަކައި އެންމެ ބޮޑަށް ބޭނުންވެފައި އޮތްކަމަކީ މަސްވެރިކަމުގެ ސިނާއީ އުމްރާނީ ވަސީލަތްތައް އަދާހަމަކުރުމެވެ. މަސް ޕްރޮސެސްކުރާ ކާރުހާނާތައް އިތުރުކުރުމެވެ. ފިނިކޮށްގެން މަސް ރައްކާކުރެވޭ ކޯލްޑް ސްޓޮރޭޖުތައް އިތުރުކުރަންޖެހެއެވެ. އަދި މަސްވެރިންނަށް ބޭނުންވާ ގަނޑުފެން ފަސޭހައިން ލިބޭނެ ގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް އިތުރުކުރަންޖެހެއެވެ.
ސަރުކާރުގެ އަމާޒަކީ ތާޒާކަންމަތީ މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމާއެކު، މަހަށް އަގު އިތުރުކޮށްގެން މަސް ބޭރުކޮށްގެން މަންފާ ހޯދުމުގެ ގާބިލުކަން އިތުރުކުރުމެވެ. އެގޮތުން މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން 35 ޓަނުން 300 ޓަނަށް އިތުރުކުރުމާއެކު، މަސް ރައްކާކުރެވޭ މިންވަރުވެސް އެތައް ގުނައަކުން އިތުރުކުރަން ބޭނުންވާ މަސް ކާރުޚާނާތަކާއި ކޯލްޑް ސްޓޮރޭޖުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ.
މި މަސައްކަތްތައް އެގޮތުގައި ކުރުމަށް ސަރުކާރުގެ އަޒުމު އޮތްކަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2026 ވަނަަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެނގެއެވެ. އެ ބަޖެޓުގެ ހިސާބުތަކަށް ބަލައިލުމުން ފެންނަނީ މަސްވެރިކަމުގެ ތަރައްގީއަށް ހޭދަކުރާ މިންވަރު ވަރަށް ބޮޑުތަން އަންނަ އަހަރު އިތުރުވާނެ ކަމެވެ.
2024 ވަނަ އަހަރު މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއާއި އެ ދާއިރާ ބެލެހެއްޓުމަށް ޕީއެސްއައިޕީ ބަޖެޓުން ކަނޑައަޅާފައި އޮތީ 92.1 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ނިޔަލަށް ހަރަދުވާނެ ކަމުގައި ބެލެވެނި 198 މިލިއަން ރުފިޔާއެވެ. އަންނަ އަހަަރަށް ލަފާކުރާ ބަޖެޓުގައި އެ ދާއިރާއަށް 215 މިލިއަން ރުފިޔާ ހަރަދުކުރަން ހިމަނާފައިވެއެވެ.
މިފައިސާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަމުގެ އެކި ވަސީލަތްތައް ގާއިމުކުރުމަށް ހަރަދުކުރެވޭނެ ފައިސާއެވެ. އޭގެ އިތުރަށް މަސްވެރިކަން ކުރިއެރުވުމަށް 436.1 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިފައިވެއެވެ. މިއީ މަސްވެރިކަން ކުރިއެރުވުމަށް އުމްރާނީ ވަސީލަތްތައް ގާއިމުކުރުން ފިޔަވައި ދެން ކުރަންހުރި އެކި މަސައްކަތްތައް ކުރުމަށް ހާއްސަކުރެވޭ ފައިސާއެވެ.
ޖުމްލަ 651 މިލިއަނަށްވުރެ ގިނަ ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހާއްސަކުރެވިގެންދާނީ މަސްވެރިކަން ކުރިއަރުވައި، އެ ސިނާއަތަށް ދިރުން ގެނައުމަށެވެ. އެ ފައިސާގެ ތެރޭގައި އުމްރާނީ ވަސީލަތްތައް ގާއިމުކުރުމާއި ބެލެހެއްޓުމުގެ ހަރަދުތަކުގެ އިތުރަށް މަސްވެރިންނަށް ބޭނުންވާ ތަމްރީނާއި އެހިނެހެން ވަސީލަތްތައް ފޯރުކޮށްދިނުމާއި، މަސްވެރިކަމުގެ ފަންނީ ކުރިއެރުމަށް ކުރަންޖެހޭ ހަރދުތަކަށް ހޭދަވާނެ ފައިސާ ހިމެނެއެވެ.
ވަށާޖެހޭނެހެން ސިނާއަތެއްގެ ގޮތުގައި މަސްވެރިކަން ކޮޅަށްޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރެވި، މަޝްރޫއުތަކެއް އަންނަ އަހަރު ހިންގޭނެ ކަމުގައި ބެލެވެއެވެ. އެއާއެކު މި އަހަރު ތެރޭ މަސްވެރިކަމަށް ލިބުނު ކުރިއެރުމަށްވުރެ ބޮޑު ކުރިއެރުމެއް އަންނަ އަހަރު ލިބުމުގެ އުންމީދު ބޮޑެވެ.