ENGLISH
08 ނޮވެމްބަރު 2025
ބޭންކުތަކަށް ލިބުނު އާމްދަނީ އިތުރުވެ ދައުލަތަށް ދެއްކި ޓެކްސް މައްޗަށް
08 ނޮވެމްބަރު 2025
|
އުކުޅަހުގައި ބީއެމްއެލްއިން ގާއިމުކޮށްފައިވާ އޭޓީއެމް
ގައުމެއްގެ އިގުތިސާދުގެ ދުޅަހެޔޮކަން ވަޒަންކުރުމުގައި އެ ގައުމުގެ މާލީ ހާލަތު ރަނގަޅުކަން ނުވަތަ ނޫންކަން ވަޒަަންކުރުމަށް ބަލާ އެއް މިންގަނޑު ކަމުގައިވާ އެ ގައުމެއްގެ ބޭންކުތަކުގެ މާލީ ހާލަތަށް ބަލާއިރު ރާއްޖޭގެ ބޭންކުތަކުގެ ހާލަތު ރަނގަޅުވެ ނިމުނު އަހަރު ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައުލަތަށް ދެއްކި އަދަދަށްވުރެ ބޮޑު އަދަދެއް މި އަހަރު ދައްކާފައިވާކަން މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން އެނގިއްޖެއެވެ.
މަރުކަޒީ ބޭންކުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަަށް ބޭންކުތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ލިބުނެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ބޭންކުތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި އެ މުއްދަތުގައި ލިބުނީ 5.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ލިބުނު އާމްދަނީވަނީ 500 މިލިއަނެއްހައި ރުފިޔާ އިތުރުވެފައެވެ.
ބޭންކުތަކަށް މި އަހަރު ލިބުނު އާމްދަނީއަށް ބަލާއިރު އިންޓަރެެސްޓުގެ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ލިބުނެވެ. ފާއިތުވި އަހަަރު ލިބުނީ 4.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އިންޓަރެސްޓުގެ އާމްދަނީ މި އަހަރު 200 މިލިއަނެއްހައި ރުފިޔާ އިތުރުވިއެވެ.
އިންޓަރެސްޓު ނޫން ގޮތްގޮތުން ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރު އެ އަދުވަނީ 2.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ 400 މިލިއަނެއްހައި ރުފިޔާގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދެއްކި ފައިސާގެ އަދަދުވެސް މި އަހަރު އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ 825.1 މިލިއަން ރުފިޔާއެވެ. މި އަހަރު 923.8 މިލިއަން ރުފިޔާ އިންކަމް ޓެކުހުގެ ގޮތުގައި ބޭންކުތަކުން ދައުލަތަށް ދެއްކިކަން މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ ނިމުނު އަހަރު ބޭންކުތަކުން ޓެކުހުގެ ގޮތުގައި ދެއްކި އަދަދަށްވުރެ 98 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އަދަދުތަކަށް ބަލާއިރު ފާއިތުވި 2024 ވަނަ އަހަރަށްވުރެ ބޭންކުތަކަށް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ބޭންކުތަކުން ދައުލަތަށް ޓެކުހުގެ ގޮތުގައި ދެއްކި ފައިސާގެ އަދަދު އިތުރުވިކަން އެނގެއެވެ. އެއީ ބޭންކުތަކުގެ ވިޔަފާރި ނިމުނު އަހަރަށްވުރެ މި އަހަރު ތިޔާގިވިކަމުގެ ހެއްކެކެވެ.