ENGLISH
09 ނޮވެމްބަރު 2025
ތަފާސްހިސާބުތަކުން؛ ދިވެހި މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ
08 ނޮވެމްބަރު 2025
|
ބަޔަކު ދޮށި އަޅައިގެން މަސްވެރިކަންކުރަނީ
ދިވެހި އިގުތިސާދުގެ ދެވަނަ ސިނާއަތް ކަމުގައިވާ މަސްވެރިކަން ވަރަށް ބޮޑަށް އަޑިއަޅައިލުމަށްފަހު، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަން ތިޔާގިވެ، މަސްވެރިކަމުން ލިބޭ މަންފާ އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޮންމެ މަހަކު އެއްފަހަރު މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާއްމުކުރަމުންދާ ތަފާސްހިސާބުތަކަށް ބަލާއިރު ސެޕްޓެންބަރު މަހުގެ ނިޔަލަށް މަސް ކިރުވި މިންވަރު ނިމުނު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ކިރުވާފައިވަނީ 39،684 މެޓްރިކްޓަނުގެ މަހެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި މަސް ކިރުވި މިންވަރު 75.9 އިންސައްތަ އިތުރުވެ، ކިރުވި މަހުގެ އަދަދު 79،786.4 މެޓްރިކްޓަނަށް އަރާފައިވެއެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދިވެހި މަސްވެރިކަމުގެ އެންމެ މައިގަނޑު ދެބައި ކަމުގައިވާ ކަޅުބިލަމަަހުގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަމަށްވެސް ބޮޑު ކުރިއެެރުމެއް މި އަހަރު އައިސްފައިވެއެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 58،768 މެޓްރިކްޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ކިރުވި 31،207 މެޓްރިކްޓަނުގެ ކަޅުބިލަމަހަށްވުރެ 88.3 އިންސައްތަ އިތުރު އަދަދެކެވެ.
ބޮޑުކަންނެލި ކިރުވި މިންވަރަށް ބަލާއިރު ނިމުނު އަހަރުގެ ޖަނަވަރީން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޮޑުކަންނެލި ކިރުވާފައިވަނީ 8،273.8 މެޓްރިކްޓަނުގެ ބޮޑު ކަންނެލިއެވެ. މި އަހަރުގެ އެ މުއްދަތުގައި 10،699.8 މެޓްރިކްޓަނުގެ ބޮޑު ކަންނެލި ކިރުވާފައިވެއެވެ. އެއީ 29.3 އިންސައްތައިގެ އިތުރުވުމެކެވެ.
އެހެނިހެން ބާވަތްތަކުގެ މަސް ކިރުވި މިންވަރު ފާއިތުވި އަހަަރާ އަޅާބަލާއިރު 56.4 އިންސައްތަ އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރު އެހެނިހެން ބާވަތްތަކުގެ 203 މެޓްރިކްޓަނުގެ މަސްކިރުވިއިރު މި އަހަރު އެހެނިހެން ބާވަތްތަކުގެ 318 މެޓްރިކްޓަނުގެ މަސް ކިރުވާފައިވެއެވެ.
މަސް ކިރުވި މިންވަރު އިތުރުވެފައިވާއިރު މަހުގެ އެކްސްޕޯޓަށްވެސް ބޮޑު ކުރިއެރުމެއް މި އަހަރު ލިބުނުކަން މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީން ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 32،042.4 މެޓްރިކްޓަނުގެ މަސް އަދި މަހުގެ އުފެއްދުންތަކެވެ. އެ އަދަދު 2025 ވަނަ އަހަރުގެ އެ މުއްދަތުގައި 61،452 މެޓްރިކްޓަނަށް އިތުރުވިއެވެ. އެއީ 91.8 އިންސައްތައިގެ އިތުރުވުމެކެވެ.
ތާޒާކޮށް ނުވަތަ ފިނިކޮށްގެންނާއި ގަނޑުކޮށްގެން މަސް ބޭރުކުރި މިންވަރަށް ބަލާއިރު ނިމުނު އަހަރު 26،072 މެޓްރިކްޓަނުގެ މަސް އެގޮތަށް ބޭރުކޮށްފައިވެއެވެ. މި އަހަރުގެ އެ މުއްދަތުގައި ތާޒާކޮށް، އަދި ފިނިކޮށްގެންނާއި ގަނޑުކޮށްގެން ބޭރުކުރި މަހުގެ އަދަދު 55،050 މެޓްރިކްޓަނަށް އިތުރުވެފައިވެއެވެ. ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އެކްޕޯޓުކުރި ތާޒާ އަދި ގަނޑުކުރި ނުވަތަ ފިނިކުރި މަަހުގެ އަދަދު 111.1 އިންސައްތަ އިތުރެވެ.
ދަޅުގައާއި ޕައުޗުގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު ނިމުނު އަހަރު 55.3 އިންސައްތަ ދަށްވުމަށްފަހު މި އަހަރު އެ އަދަދުވަނީ 0.2 އިންސައްތައިން އިތުރުވެފައެވެ.
ޕްރޮސެސްކޮށްގެން ބޭރުކުރި މަހުގެ އަދަދަށް ބަލާއިރު 2024 ވަނަ އަހަރުގެ ޖަނަވަރީން ސެޕްޓެންބަރުގެ ނިޔަލަށް ބޭރުކުރީ 928.2 މެޓްރިކްޓަނުގެ މަހެވެ. މި އަހަރުގެ އެ މުއްދަތުގައި ޕްރޮސެސްކޮށްގެން 1،148.5 މެޓްރިކްޓަނުގެ މަސް ބޭރުކޮށްފައިވެއެވެ.
އެކްސްޕޯޓުކުރި މަހުގެ ނިމުނު އަހަރު ރާއްޖެއިން އެ މުއްދަތުގައި އެކްސްޕޯޓުކުރީ 64.4 މިލިއަން ޑޮލަރު ނުވަތަ 993.04 މިލިއަން ރުފިޔާގެ މަހެވެ. މި އަހަރުގެ މިހާތަނަށް އެކސްޕޯޓުކުރި މަހުގެ ޖުމްލަ އަގު 104.5 މިލިއަން ޑޮލަރު ނުވަތަ 1.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ 62.3 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބަުތަކުން ފެންނަން އޮތް ހަގީގަތަކީ ފާއިތުވި އަހަރުގެ ޑިސެންބަރ މަހުން ފަށައިގެން މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބި، މަސްވެރިކަން ތިޔާގިވާން ފަށާފައިވާ ކަމެވެ. ނިމުނު އަހަރުގެ ޑިސެންބަރު މަހުގެ ދިހަވަނ ދުވަހުން ފެށިގެން ސަރުކާރުން އަންނަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ.
ބަރާބަރަށް މަސްވެރިންނަށް ފައިސާ ލިބެން ފެށުމާއެކު، ފައިސާ ނުލިބުމުގެ ދަތިކަމުގެ ތެރޭގައި މަސްވެރިކަމާ ދުރަށް ދިޔަ ގިނަ ބަޔަކު އަނބުރާ މަސްވެރިމަަށް ނިކުމެ، މަސްވެރިކަމުގައި ހަރަކާތްތެރިވާ އޮޑިތަކާއި މަސްވެރިންގެ އަދަދު އިތުރުވެފައިވެއެވެ.
އޭގެ އިތުރަށް މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެ، މަސްވެރިންގެ ދަފުތަރެއް އެކުލަވައިލާ ބޭންކިން ނިޒާމުގެ ތެރެއިން މަސްވެރިންނަށް ހިދުމަތްތައް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވެއެވެ.
މިކަންކަމުގެ އިތުރަށް މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ އައިސްޕްލާންޓުތަކާއި، ފެކްޓަރީތަކާއި، ކޯލްޑް ސްޓޯރޭޖުތައް ފަދަ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމާއެކު، ހުރިހާ އަތޮޅަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ ގިނަ ހިދުމަތްތައް ތައާރަފުކުރުމުގެ މަސައްކަތް ހަލުއި ދުވެލީގައި ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މި ހުރިހާ ސިޔާސަތުތަކެއް ނަތީޖާއަކީ މަސްވެރިކަމުގެ ސިނާއަތް ފުޅާވެ، އެ ސިނާއަތުން ލިބޭ މަންފާ އިތުރުވެ، އެ ސިނާއަތުގެ ދުޅަހެޔޮކަން ކަށަވަރުކުރެވުމެވެ.