ENGLISH
08 ނޮވެމްބަރު 2025
ރައްޔިތުން ބޭނުންވަނީ އެއްތަންވެލައި ރައީސާމެދު އޮތް ރައްޔިތުންގެ ޝުއޫރުތައް ފާޅުކޮށްލަން: ނައިބުރައީސް
08 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު، ފޮޓޯ: ރައީސް އޮފީސް
ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ އެއްތަންވެލައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާމެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ލޮބުވެތިކަމުގެ ޝުއޫރުތައް ފާޅުކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިފަދައިން ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ޖަލްސާއަށް ދައުވަތު ދިނުމުގެ ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ހަފުލާއަށްފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަަތުމެއްގައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި އެއްވުން ބާއްވަން ޖެހުނީ ރައްޔިތުން މިފަދަ އެއްވުމެއް ބާއްވަން އެދޭތީ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އެއްތަންވެލައި، ރައީސާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި އިތުބާރުގެ ޝުއޫރުތައް ފާޅުކުރަން ކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުންފުޅުވަނީ ރައީސަށް ޝުކުރު އަދާކުރުމަށް އެއްތަންވެލައި އަތް ޖަހައިލާ، އެ ބޭފުޅުންގެ ހިތްތަކުގައި ރައީސާމެދު އޮތް ޝުއޫރުތައް މުޅި ރާއްޖެއަށް ހާމަކޮށްލަދޭން،" ނައިބުރައީސް ހުސައިން ވިދާޅުވިއެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޕީއެންސީގެ ބޮޑު އެއްވުމެއް މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާއިރު މި އެއްވުމަކީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ޕާޓީ، ކޮންގުރެސް ޕާޓީން ބާއްވާ މިފަދަ ފުރަތަމަ އެއްވުމެވެ.
ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ރައްޔިތުން މި ބައްދަލުވުމަށް އަންނާނެ ކަމަށެވެ. ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.