ENGLISH
07 ނޮވެމްބަރު 2025
ރައީސް ގެންދަވަނީ ސޯލިހުގެ ސަރުކާރުން ހުއްޓުވާލި އިގްތިސާދު ބާރު ދުވެލީގައި ކުރި އަރުވަމުން: ޝަކީލް
07 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުއްޓުވާލި އިގްތިސާދީ އިންޖީނު ހިންގާލައި ގައުމުގެ އިގްތިސާދު ބާރު ދުވެލީގައި ކުރިއަރުވަމުން ކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ ސަރުކާރު ކުންފުނިތައް އެތައް ބިލިއަނަކުން ދަރުވާލައި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ އެތައް ބިލިއަނެެއް ނުދީ ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައީ ދިވެހި ތާރީހުގައި ދިވެހި ދައުލަތަށާއި އަމިއްލަ ވިޔަފާރިތަކަށް މާލީ ގޮތުން އެންމެ ބޮޑު ގެެއްލުމެއްދިން ސަރުކާރުގެ ގޮތުގައި ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން އެދަނީ ސޯލިހުގެ ސަރުކާރުން ނުދީ ހިފެހެއްޓި އަމިއްލަ ކުންފުނިތަކުގެ ފައިސާ ދިނުމުގެ އިތުރުން އެތައް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް މެދުވެވެރިކޮށް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަށް ކޮޅަށްޖަހައި އަދި ސޯލިހުގެ ސަރުކާރުން ހުއްޓުވާލި މި ގައުމުގެ އިގްތިސާދުގެ އިންޖީނު ހިންގާލައި ގައުމުގެ އިގްތިސާދު ބާރު ދުވެލީގައި ކުރިއަށް ގެންދަމުން ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްްޔާ ޑރ. މުޢިއްޒު ކުރައްވާ މި މަސައްކަތުގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ލަހެއްނުވެ ލިބިގެންދާނެ ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޮވެމްބަރު 17, 2023 ގައި މި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައް ހާސް ބިލުތަކަށް، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ދައްކާ ނިންމަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މިއީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ދިވެހި އަމިއްލަ ކުންފުނިތަކާ 206 މަޝްރޫއެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައި ވަަނީ 53 ކުންފުންޏަކާއެވެ. މި މަސައްކަތްތައް ހަވާލުކޮށްފަައި ވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކުރަންނުޖެހޭ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްއަށް ކުރިއަށްގެންދާ ގޮތަށެވެ.