ENGLISH
07 ނޮވެމްބަރު 2025
އޮކްޓޫބަރު މަހު ވެސް ރާއްޖެ އަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި
07 ނޮވެމްބަރު 2025
|
ފަތުރުވެރިންތަކެއް ވީއައިއޭއަށް ފައިބަނީ. --ފޮޓޯ: ވީއައިއޭ
މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތަށްވުރެ 10.3 އިންސައްތަ އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ ފެބުރުއަރީ މަސް ފިޔަވައި އަހަރުގެ މިހާތަނަށް ކޮންމެ މަހެއްގައި ވެސް ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތްވަނީ އޭގެ ކުރީ އަހަރަށްވުރެ އިތުރުވެފައެވެ.
އެ ވުޒާރާ އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އޮކްޓޫބަރު މަހު 190،445 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރީ 172،621 ފަތުރުވެރިންނެވެ.
އޮކްޓޫބަރު މަހު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަހު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6،143 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 1،853،495 (އެއް މިލިއަން އަށްލައްކަ ފަންސާސް ތިން ހާސް ހަތަރު ސަތޭކަ ނުވަދިހަ ފަސް) ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.8 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެތެރެއިން، އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެގޮތުން، 1،368،169 (އެއް މިލިއަން ތިން ލައްކަ ފަސްދޮޅަށް އަށްހާސް އެއް ސަތޭކަ ފަސްދޮޅަށް ނުވަ) ފަތުރުވެރިން ވަނީ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. އެއީ، ރާއްޖެ އަށް އައި ފަތުރުވެރިންގެ 73.8 އިންސައްތައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރިއިރު، އެއީ 397،718 ފަތުރުވެރިންނެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 21.5 އިންސައްތައެވެ. ހޮޓާތަކަށް އައީ 47،588 ފަތުރުވެރިންނެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 38،416 ފަތުރުވެރިންނެވެ.
ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އައީ ޗައިނާއިންނެވެ. އެ ގައުމުން އައީ 296،135 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާ އިންނެވެ. އެ ގައުމުން 232،834 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދަކީ 163،977 އެވެ. ޖަރުމަނުން 137،291 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާއިރު، އިޓަލީން 121،924 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 66،054 އެނދު އޮޕަރޭޓްކުރެއެވެ. އެއީ، 176 ރިސޯޓުގައި އޮޕަރޭޓްކުރި 44،239 އެނދާއި، 935 ގެސްޓްހައުސްގައި 16،068 އެނދާއި، 16 ހޮޓަލުގައި 2،484 އެނދާއި، 165 ސަފާރީ އުޅަނދުތަކުގައި 3،263 އެނދެވެ.