ENGLISH
06 ނޮވެމްބަރު 2025
ވަޢުދުތައް ފުއްދެވުމަށް ރައީސް ކުރައްވަމުން ގެންދަވަނީ ބުރަ، އިޚްލާސްތެރި މަސައްކަތްޕުޅެއް: ސަޢީދު
06 ނޮވެމްބަރު 2025
|
އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފޮޓޯ: ނިއުސްލެބް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ރިޔާސީއި ންތިޙާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދެވުމުގައި ރެއާއިދުވާލު އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ބުރަ އަދި އިޙްލާސްތެރި މަސައްކަތްޕުޅެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މިހެން ވިދާޅުވީ މިއަދު 123 ރަށުގައި 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރެއްވުމާއި ގުޅިގެންނެވެ.
"..ފަހަރަކު ކަމެއް، ފަހަރަކު ކަމެއް ހަމަޔަކަށް އަޅުވަމުން، މަޝްރޫޢުތައް ފައްޓަވަމުން، ދަރަނި އަދާކުރަމުން إن شاء الله ކުރިއަށް," މިނިސްޓަރު ސަޢީދު ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ އޮޅުންބޮޅުން އަރުވާފައި އެމްޑީޕީ ސަރުކާރުން ދޫކޮއްފައި ދިޔަ ބޮޑުދަރަންޏާއި، ދަރުވާލި ކުންފުނިތަކާއި، ފައިސާޗާޕުކޮށް ނިކަމެތިކޮށް އަގުވައްޓާލި ރުފިޔާގެ ހާލަތުން ވެސް އަރައިގަތުމަށް ގިނަ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ދިވެހި އަމިއްލަ ކުންފުނިތަކާ 206 މަޝްރޫއެއް މިއަދު ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަަނީ 53 ކުންފުންޏަކާއެވެ.
މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކި ދާއިރާތަކުގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ. މި މަސައްކަތްތައް ހަވާލުކޮށްފަައިވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކުރަންނުޖެހޭ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސް މޮޑެލްއަށް ކުރިއަށްގެންދާ ގޮތަށެވެ.
މިއަދު މި މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއަދު މި މަޝްރޫއުތައް ހަވާލުކުރެވިގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރި މަސައްކަަތްތަކުގެ ނަތީޖާއެއްގެ ގޮތުން ބޭންކިން ނިޒާމާއި އަމިއްލަ ވިޔަފާރިތަކުގެ ފުރިހަމަ އިތުބާރު ލިބުމުގެ ސަބަބުން ކަމަށެވެ.