ENGLISH
06 ނޮވެމްބަރު 2025
އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންގެ ޝުކުރު ރައީސަށް؛ ތަރައްގީގެ ޔަގީންކަން ބޮޑު
06 ނޮވެމްބަރު 2025
|
ރައީސް ޑރ.މުޢިއްޒު އައްޑޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި އައްޑޫ ސިޓީއަށް ބޮޑު ތަރައްގީއެއް ލިބިގެންދާނެކަމުގެ ޔަގީންކަން އޮތްކަން ހިއްސާކުރެއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީ ތަމްސީލުކުރައްވާ މެންބަރުން އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފިއެވެ.
އައްޑު އަތޮޅުގެ ރަށްތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވީ ރޭ ސޮއިކުރެވިގެންދިޔަ އެއްބަސްވުންތަކާއެކު އައްޑޫ ރައްޔިތުންގެ އުންމީދުތައް އައުވެއްޖެ ކަމަށެވެ.
އަޒާނު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އައްޑޫ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު ދެ ޝަކުވާއަކީ އެ ސިޓީގެ އަވަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައާއި، އައްޑޫގެ ރަށްތަކުގެ މެދުގައި ގުޅައިލުމަށް އަޅާފައި އޮންނަ ލިންކް ރޯޑު ވަރަށް ބޮޑަށް ހަލާކުވެ މަރާމާތުކުރަންޖެހިފައި އޮތުމެވެ.
އިއްޔެ ރައީސްގެ ޒިޔާރަތުގެ ތެރެއިން އެމަނިކުފާނުގެ ހާޒިރުގައި އައްޑޫ ލިންކް ރޯޑު މަރާމާތުކުރުމުގެ މަޝްރޫއު ފެށިފައިވާކަން ފާހަގަކުރެއްވުމާއެކު އަޒާން ވިދާޅުވީ މި އަހަރު ތެރޭގައި އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ފެނަކަަ ކުންފުނިން ދީފައިވާ ކަމެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގައި އޭނާ އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ އައްޑޫ ސިޓީގައި އިގުތިސާދީ ފުރުސަތުތައް މަދުވުމުން އައްޑޫގެ ރައްޔިތުން އެހެނިހެން ސަރަހައްދުތަކަށް އެ ފުރުސަތުތައް ހޯދުމަށް ހިޖުރަކުރަންޖެހޭ ވާހަކަކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ އެކަންކަން ހައްލުކުރެއްވުމަށް ރައީސްގެ އިސްނެންގެވުމަށް އައްސޭރި ޓޫރިޒަމް މަޝްރޫއު ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔައިރު ސަރުކާރުން ކުރި މަސައްކަތުން މި އަހަރުގެ ފަހުކޮޅު ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ކަމަށާއި އަންނަ ޖޫން މަހުގެ ނިޔަލަަށް އެއްކޮށް ރިސޯޓު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.
އަޒާން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކަކީ އައްޑޫ ސިޓީއަށް އުފާވެރި އަދި ފާގަތި ދުވަސްތަކަކަށްވާނެއެވެ.
އަޒާނުގެ އިތުރަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރުވެސް ރޭގެ ޖަލްސާގަައި ވާހަކަދެއްކެވިއެވެ. އިއްޔެ އައްޑޫގައި ފެށުނު މަޝްރޫއުތަކާއި ރޭގެ ރަސްމިއްޔާތުގައި ސޮއިކުރެވުނު އެއްބަސްވުންތަކާއެކު ފެށިގެން ދިޔަ ގިނަ މަޝްރޫއުތައް ފެށޭނެ މަގު ތަނަވަސްކޮށްދެއްވީތީ ނިޒާރު ރައީސަަށް ޝުކުރު އަދާކުރެއްވިއެވެ.
ނިޒާރު ވިދާޅުވީ އައްޑޫއަށް ދިމާވެފައިވާ ކަރަންޓާއި ފެނުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކާއެކު އެ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ އައްޑޫ ސިޓީން ޕާސްޕޯޓު ހެއްދުމާއި އައިޑީ ކާޑު ހެދުމުގެ ހިދުމަތް ފަދަ ހިދުމަތްތައް ލިބޭނެ އިންތިޒާމު ފާއިތުވި ސަރުކާރުތަކުގައި ހަމަނުޖެއްސުނު ކަމަށާއި، އެކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އޭގެ އިތުރަށް ފޭދޫގައި ހިއްކާފައި އޮތް ބިމުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއެއް ހިންގަވާތީއާއި، އެ ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާތީ ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވުމާއެކު ދީދީ ފާހަގަކުރެއްވީ އިހުއްސުރެ މި މަސައްކަތްތައް ރާއްޖޭގައި ކުރިއަށްގެންދިއުމަށް އެ ރަށްރަށުގެ ރައްޔިތުން އެދެމުންދިޔަ ނަމަވެސް ފާއިތުވި އެއްވެސް ސަރުކާރެއްގައި އެއިން އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމެވެ.