ENGLISH
06 ނޮވެމްބަރު 2025
އަންހެން ވިޔަފާރިވެރިންނަށް ފަރުމާކުރި ފައިނޭންސިން ސްކީމަށް ހުށަހެޅުމަށް ހުޅުވާލައިފި
06 ނޮވެމްބަރު 2025
|
މޯލްޑިވްސް އެކްސްޕޯގައި އެސްޑީއެފްސީގެ މައުލޫމާތު ފޯރުކޮށްދެނީ. އަންހެނުންނަށް ހާއްސަ ފައިނޭންސިން ސްކީމަށް އެދި ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފަ. ފޮޓޯ: އެސްޑީއެފްސީ
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކުލަވާލި އާ ފައިނޭންސިން ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
އެސްޑީއެފްސީން ބުނީ މަޝްރޫޢުގެ މަޤްޞަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދީ، ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. އަދި، އިޤްތިޞާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމަކީ މުހިއްމު މަޤްސަދެއް ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.
ސްކީމުގެ ދަށުން ވިޔަފާރި މުޅި އަލަށް ފެށުމަށް އަދި މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް، ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށްގެން ފައިނޭންސިން ފޯރުކޮށްދެވޭނެކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.
ޝަރީޢާ އުސޫލުތަކުގެ ތެރެއިން 25،000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 7 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިން ފެސިލިޓީގެ ފައިދާ ރޭޓަކީ 9.5 އިންސައްތައެވެ.
އެސްޑީއެފްސީން ބުނީ ފައިނޭންސިން ސްކީމާއެކު އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ގައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މުހިއްމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަޞީލަތްތައް ލިބިގެންދާނެކަމަށެވެ.
"މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއް. މި ސްކީމްގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެ، އެޕްލިކޭޝަން ބަލައިގަތުން ފެށުމާއެކު، ގިނަ އަންހެން ފަރާތްތަކަށް މި ހާއްސަ ފުރުސަތުގެ ބޭނުން ހިފުމުގެ މަގު ތަނަވަސްވެގެންދާނެ އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭ." އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.
ސްކީމަށް އެދި އެސްޑީއެފްސީގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.