ENGLISH

06 ނޮވެމްބަރު 2025

Advertisement

އައްޑޫގެ އުންމީދަށް ދިރުމެއް؛ ތުރުކީ ކުންފުންޏަކުން ހަންކެޑެ ތަރައްގީކޮށް 3،000 އެނދު ގާއިމުކުރަނީ

06 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ހަންކެޑެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް

އައްޑޫ އަތޮޅުގެ ފަތުރުވެރިކަމުގެ ތަރައްގީގެ އުންމީދާ ގުޅިފައިވާ ހަންކެޑެ މަޝްރޫއު ހިންގައި އެތަނުގައި 3،000 އެނދުގެ މަޝްރޫއެއް ތަންފީޒުކުރަން ތުރުކީ ކުންފުންޏަކުން ހުށަހަޅާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަަކުރައްވައިފިއެވެ. 

އައްޑޫ ހަންކެޑެއަކީ އެ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް އެ އަތޮޅުގެ ރައްޔިތުން ކުރަމުންދާ އުންމީދާ ގުޅިފައިވާ ތަނެކެވެ. ފާއިތުވި ގިނަ ސަރުކާރުތަކުން އެތަން ތަރައްގީކުރަން އެކި މަޝްރޫއުތައް ފެށި ނަމަވެސް މިހާތަނަށް އެތަނުގައި ތަރައްގީގެ މަޝްރޫއެއް ފެށިފައިނުވެއެވެ. 

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ޗައިނާ ކުންފުންޏަކާއެކު ހަންކެޑެ ތަރައްގީކުރުމުގެ އެއްބަސްވުމެއް ހަދާފައި އޮތެވެ. އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ހޯދައިގެން ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏަށް މި ސަރުކާރުން ފުރުސަތު ދިން ނަމަވެސް ފައިސާ ހަމަނުޖެހިގެން އެ ކުންފުންޏަށް އެ މަޝްރޫއު ނުހިންގުނެވެ. 

ރޭ އައްޑޫ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފަައެވެ. އެ މައުލޫމާތު ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ހަންކެޑެގައި ރިސޯޓެއް ތަރައްގީކުރުމަށް ހުޅުވައިލުމުން ތުރުކީ ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށެވެ. 

އެ ކުންފުނިން ހުށަހެޅި ޕްރޮޕޯޒަލް އިވެލުއޭޓުކުރުމަށްފަހު، މިހާރު އެވޯޑް ލެޓާ އެ ކުންފުންޏަށް ފޮނުވާފައިވާކަމަށާއި، އެ ކުންފުނިން ދައްކަންޖެހޭ ފައިސާގެ ފުރަތަމަ އިންސްޓޯލްމެންޓު ދެއްކުމާއެކު އެ ކުންފުންޏާއެކު އެއްބަސްވުން ގާއިމުކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ ތުރުކީ ކުންފުނިން ހުށަހަޅާފައިވަނީ ފުރަތަމަ ފިޔަވަހީގައި 1،000 އެނދުގެ އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް ކަމަށާއި، މުޅި މަޝްރޫއު ނިމޭއިރު ޖުމްލަ 3،000 އެނދު ހަންކެޑެ މަޝްރޫއުގެ ދަށުން ބާޒާރަށް ނެރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ސަރުކާރުން ބުނެފައިވާ ގޮތުން ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫއަކީ 143 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 1041 ކޮޓަރި ތަރައްގީކުރާނެއެވެ. އެ މަޝްރޫއު ހިންގުމަށް 9.6 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެ މަޝްރޫއު ނިމުމުން 2،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމުގައި އަންދާޒާކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު