ENGLISH
03 ފެބްރުއަރީ 2026
ކޮންޓްރެކްޓަަރ ފައިނޭންސް މޮޑެލްއަށް 206 މަޝްރޫއު އަމިއްލަ ކުންފުނިތަކަށް؛ އިގުތިސާދަށް ތިޔާގިކަންް ލިބޭނެ
06 ނޮވެމްބަރު 2025
|
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ކޮންޓްރެކްޓަރ ފައިނޭންސިން މޮޑެލްގެ ދަށުން 206 މަޝްރޫއެއް އަމިއްލަ ވިޔަފާރިތަކާ ހަވާލުކުރުމަށް ނިންމާފައިވަނީ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ތިޔާނގިކަން ލިބޭނެތީކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަަމީރު ވިދާޅުވެއްޖެއެވެ.
މިފަދައިން އޭނާ ވިދާޅުވީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން 206 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުތައް ބައްޓަންކޮށްފަައިވަނީ ރައްޔިތުންނާއި ކައުންސިލުތަކުން ބޭނުންވާ ގޮތަށް ކަމުގައެވެ.
އަދި މި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓަރ ފައިނޭންސިން މޮޑެލް ސަރުކާރުން އިހުތިޔާރުކުރި ސަބަބެއް ކަމުގައި ޒަަމީރު ވިދާޅުވީ މި މޮޑެލްގެ ސަބަބުން ބޭންކުތައް މެދުވެރިކޮށް ފައިނޭންސް ހޯދައި، ކޮންޓްރެކްޓުތައް ތަންފީޒުކުރުމުގައި އެންމެ ގާބިލު ތަޖުރިބާކާރު ކުންފުނިތަކާ މަސައްކަތްތައް ހަވާލުކޮށް، ރިސްކު މެނޭޖުކުރުމުގައި އެންމެ ގާބިލު ފަރާތްތަކުގެ މެދުގައި އެ ރިސްކުތައް ބަހައިލެވޭނެތީ ކަމަށެވެ.
"މީގެ ސަބަބުން ހަމައެކަނި ސަރުކާރުގެ ބަޖެޓަށް ބަރޯސާވުމަކާ ނުލައި، ސަރުކާރުން ހިންގަން ބޭނުންވާ އަދި ދިވެހި ރައްޔިތުން އެދޭ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފެށޭނެ.،" ޒަަމީރު ވިދާޅުވިއެވެ.
މިއަދު ހަވާލުކުރެވުނު މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްގެންދެވޭކަން ކަށަވަރުކުރުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ މަސައްކަތުގެ ފެންވަރާއި މަސައްކަތް ނިމޭ މިންވަރު ވަޒަންކޮށް ފައިސާ ދޫކުރުމުގެ ސާފު އޮނިގަނޑެއް ކަނޑައެޅިގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެ ނިޒާމު މިނިސްޓަރު ސިފަކުރެއްވީ ހަލުއިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ ނިޒާމެއްގެ ގޮތުގައެވެ.
ސަރުކާރުގެ އަމާޒަަކީ މާލީ ގޮތުން ދެމެހެއްޓެނެވި ގޮތެއްގައި މަޝްރޫއުތައް ކުރިއަށްގެންދިއުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރުމުގައި ޑިއު ޑިލިޖެންސް ވަރުގަދަކޮށް، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް އެއް މިންގަނޑަކަށް ސަރުކާރުން ގެނެސްފައިވާ ކަމަށެވެ.
"ޒިންމާދާރުކަމާއެކު މަޝްރޫއުތައް ތަންފީޒުކުރަނީ މިއަދު ވެވޭ ވައުދުތަކުގެ ސަބަބުން މާދަމާ ދޭންޖެހޭ މުހިއްމު ހިދުމަތްތަކަށް ބުރޫނާރާނެކަން ކަށަވަރުކޮށްގެން،" ޒަމީރު ވިދާޅުވިއެވެ.
މަޝްރޫއުތައް ބައްޓަންކޮށްފައިވަނީ ތިމާވެށީގެ ނާޒުކުކަމަށް ފުރިހަމައަށް ރިއާޔަތްކުރެވިގެން ކަމަށާއި، މެއިންޓެނެންސްގެ މިންގަނޑުތައްވެސް ކޮންޓްރެކްޓަރުތަކުގައި ބަޔާންކޮށްފައިވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ދިވެހިންނަަށް ވަޒީފާގެ ފުރުސަތުތައް އުފެދި ތިޔާގިކަން ލިބުން ކަމަށެެވެ.
"206 މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ގިނަގުނަ ވަޒީފާގެ ފުރުސަތުތައް އުފެދިގެން ދާނެ. އިންޖިނިއަރުންނާއި، ޓެކްނިޝަނުންނާއި، ހުނަރުވެރި މަސައްކަތްތެރިންނާއި، ދޯނި ދުއްވާ ފަޅުވެރިންނާއި ކައްޕިންނާއި، ސަޕްލައި ކުރާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކަށް އަތްމަތި ތަނަވަސް ތިޔާގި ދުވަސްތަކަކަށް އަލިވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ބޭރު ކުންފުނިތަކުން ރާއްޖޭގެ ބޭންކުތަކުން ފައިނޭންސް ހޯދައިގެން ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގަމުންދާކަން ފާހަގަކުރައްވަމުން ޒަަމީރު ވިދާޅުވީ ދިވެހި ރިއަލް އެސްޓޭޓް މާކެޓުގެ ބޮޑު ހިއްސާއެއް އޮތީ ބޭރު ކުންފުނިތަކަށް ފުރޮޅިފައި ކަމަށެވެ. އަދި ދިވެހިންނަށް ރިއަލް އެސްޓޭޓް ޕްރޮޑަކްޓުތައް ވިއްކުމަށްފަހު ލިބޭ ދިވެހި ރުފިޔާ ޑޮލަރަށް ބަދަލުކޮށްގެން ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖޭގެ މާލީ ބާޒާރުން ނެރެމުންދާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
އެކަން ބަދަލުކުރުމަށް ދިވެހި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް އިސްކަންދިނުމަށް ދައުލަތުގެ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކަަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާކަން ހާމަކުރައްވަމުން ޒަަމީރު ވިދާޅުވީ ނޭޝަނަލް ޓެންޑަރ ބޯޑާއި، ދައުލަތުގެ އިދާރާތަކުގެ ބިޑް ކޮމިޓީތަކުންވެސް އެތައް ސަތޭކަ މަޝްރޫއެއް ދިވެހި ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
"މިއަދު ސޮއިކުރެވޭ ކޮންޓްރެކްޓުތައް މެދުވެރިކޮށް ސަރުކާރުގެ އަމާޒަަކީ ދިވެހި ވިޔަފާރިތައް ބާރުވެރިކޮށް ހާއްސަކޮށް ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތައް ކޮޅަށްޖަހައި، ބާރުވެރިކޮށް އިތުރަށް ކުރިއެރުވުން،" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ މިއަދު ހަވާލުކުރި މަޝްރޫއުތައް ހިންގަމުންދާއިރު މަސައްކަތް ނިމެމުންދާކަން ވަޒަންކޮށް ބޭންކިން ނިޒާމު މެދުވެރިކޮށް މަސައްކަތްކުރާ ކުންފުނިތަކަށް މަސައްކަަތް ނިމޭ މިންވަރަކުން ބަރާބަރަށް ފައިސާ ދޫކުރެވިގެންދާނެ ކަމަށެވެ.
މި މަސައްކަތަށް ފައިނޭންސް ކުރާ ބޭންކުތަކަށް ބަރާބަރަށް ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް ފައިސާ އަނބުރާ ދައްކާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލެވިފައިވާ ކަމަށް ޒަަމީރު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ބޭންކިން ނިޒާމަށްވެސް ތިޔާގިކަން ލިބި އިތުރު މަޝްރޫއުތަކަށް ފައިސާ ދޫކުރުމުގެ ގާބިލުކަން ބޭންކުތަކަށް ލިބިގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
"މާލީ ވުޒާރާގެ ނަޒަރުގައި ދިވެހިރާއްޖޭގައި ވިޔަފާރިކުރަންވާނީ ދިވެހިން. ދިވެހިންގެ ތެރޭގައި އުފެދޭ ފުރުސަތުތަކުގެ ފޮނި މީރުކަން އެންމެ ފުރަތަމަ ލިބެންވާނީ ދިވެހިންނަށް. ދިވެހިންގެ ރާއްޖޭގެ އަސާސަކީވެސް މިއީ. މާތްﷲގެ އަމުރުފުޅާއި ތައުފީގާއެކު މި އަމާޒު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިންނަށް ހާސިލުކޮށްދޭނަން،" ޒަމީރު ވިދާޅުވިއެވެ.
ސަރުކާރުން ހިންގާ މުހިއްމު ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަކީ ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. އަދި އެއާއެކު އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ކުރީ ސަރުކާރުތަކުގައި ނުދައްކައި ހުރި ހުރިހާ ފައިސާ ދައްކައި ހަލާސްކުރުމުގެ މަސައްކަތް ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަންނަނީ ކުރަމުންނެވެ.