ENGLISH
06 ނޮވެމްބަރު 2025
ބޮޑު ދުވަހެއް؛ 205 މަޝްރޫޢުއެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރަނީ
06 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަންގްރިއްލާ ރިސޯޓްގައި --
ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކާ ޙަވާލުކުރައްވައިގެން ގިނަ މަޝްރޫޢުތަކެއް ހިންގެވުމަށް ނިންމަވާ މާދަމާ އެތައް މަޝްރޫޢުތަކެއް ކުންފުނިތަކާއި ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިޢުލާނު ކުރައްވައިފި އެވެ.
އެމަނިކުފާނު އެކަން އިޢުލާނުކުރެއްވީ މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކާ ޙަވާލުކުރައްވައިގެން ގިނަ މަޝްރޫޢުތަކެއް ހިންގެވުމަށް ނިންމަވާފައިވާ ކަމަށެވެ. މީގެ ތެރެއިން 205 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުން، ބުރާސްފަތި ދުވަހު މާލޭގައި ކުރިއަށް ގެންދަވާނެ ކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.
"މާދަމާ އިރާދަކުރެއްވިއްޔާ މާލޭގައި، ރަސްމިއްޔާތެއްގައި އެބަ ސޮއިކުރަން އިތުރު 205 މަޝްރޫއެއްގައި، މުޅިންވެސް ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކާ މި ހަވާލު ކުރަނީ," މި މަޝްރޫޢުތަކުގެ ތެރޭގައި މުޅީން ވެސް ހިމެނޭ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުން ހޯދާފައިވާ އެކި ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ޚަލާސްކުރެއްވުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާ، މިމަހުގެ ނިޔަލަށް އެކަން ވެސް މުޅިން ނިންމަވާލެވޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ.
މިފަދަ ހުރިހާ ކަމެއްވެސް މި މޭރުމުން ކުރެވެމުން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ އެއްބާރުލުންކަމުގައި ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފަ އެވެ. އެމަނިކުފާނަށް ރައްޔިތުން ކުރައްވާ އިތުބާރާއެކު، އިޚްލާސްތެރިކަމާއި، އަމާނާތްތެރިކަމާއެކު ޒިންމާ އަދާކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ދެއްވާފަ އެވެ.