ENGLISH
06 ނޮވެމްބަރު 2025
ހިތަދޫގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުކޮށް، ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފި
05 ނޮވެމްބަރު 2025
|
ހިތަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނޭޝަނަލް ލައިބްރަރީގެ ގޮފީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އައްޑޫ ސިޓީ ހިތަދޫގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުކޮށް، އެރަށުގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި ހިތަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނޭޝަނަލް ލައިބްރަރީގެ ގޮފީގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހިމް ވަހީދެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސަޢުދީ އާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 11،250 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެ އެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 5،625 އަކަފޫޓު ހުންނާނެ އެވެ.
މި މަސައްކަތް ނިންމާ، ހިތަދޫގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުވެގެންދިއުމަކީ އެ ރަށަކުން އިލްމީ ދަރިންތަކެއް އުފަންކުރި ހިތަދޫއަށް އިލްމީ ގޮތުން އިތުރު ކުރިއެރުންތައް އަންނާނެ ކަމެކެވެ.
ހިތަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ، މުޙައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްޓީސީސީ
މިއަދު ހިތަދޫގައި ފެށިގެންދިޔަ މުހިއްމު އަނެއް މަޝްރޫޢު ކަމަށްވާ، ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫނެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސަޢުދީ އާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 4338 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ފަންގިފިލާއެއްގައި 2368 އަކަފޫޓު ހުންނާނެ އެވެ.
ހިތަދޫގައި އިމާރާތްކުރާ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ނިމުމާއެކު، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު އައްޑޫ ސިޓީގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ އެވެ.