ENGLISH
06 ނޮވެމްބަރު 2025
އައްޑޫ ސިޓީއަށް ތަރައްގީގެ ބަަހާރު މޫސުމެއް؛ 16 މަޝްރޫއެއް އެކި ކުންފުނިތަކާ ހަވާލުކޮށްފި
05 ނޮވެމްބަރު 2025
|
އައްޑޫ ސިޓީގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން މުހިއްމު 16 މަޝްރޫއެއް އެކި ކުންފުނިތަކާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
ރައީސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ސޮއިކުރެވުނު މަޝްރޫއުތަކަކީ އެމަނިކުފާނު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކުގައި އެ ސިޓީގެ އެކި އަވަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ހަގީގަތަކަށް ހެދުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކެކެވެ.
މިއަދު ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ފޭދޫގައި ހިއްކާފަައި އޮތް ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހިމެނެއެވެ. ކޮނސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވިއިރު، އެ މަސައްކަތް ހަވާލުކުރި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދެވެ.
އެ މަޝްރޫއާއެކު ފޭދޫގައި 50 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޑރ.މުއްތަލިބު ސޮއިކުރެއްވިއިރު އެ މަސައްކަތް ހަވާލުކޮށްފައިވާ އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރެވެ.
އަދި ފޭދޫގައި އިސްރަށްވެހިންގެ ހިޔާއެއް ގާއިމުކުރުމުގެ މަސައްކަތް ލިޓަސް ކޮމްޕެނީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާއީލު އަދި ލިޓަސްގެ ފަރާތުން ޖެނެރަލް މެނޭޖަރ އަހްމަދު ޝިފާއު އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
ފޭދޫގައި ނެޓުބޯޅަ ކޯޓެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާފު އިބްރާހީމެވެ.
މަރަދޫފޭދޫގައި ފަތާ ޓްރެކެއް އެޅުމުގެ މ،ަސައްކަތް އެމްޓީސީސީއާ ހަވާލުކުރިއިރު، މަރަދޫގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު އެޗްޑީސީއާ ހަވާލުކުރިއެވެ. އަދި މަރަދޫގައި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރެވިގެންދިޔައެވެ. މަރަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ.
އޭގެ އިތުރަށް ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު ތަރައްގީކުރުމުގެ މަސައްކަތްވެސް ހަވާލުކުރީ އެމްޓީސީސީއާއެވެ. ހިތަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެޗްޑީސީއާއެވެ. ހިތަދޫގައި އައު ސެންޓްރަލް ޕާކެއް ތަރައްގީކުރުމުގެ މަޝްރޫއުވެސް ހަވާލުކުރީ އެ ކުންފުންޏާއެވެ.
އައްޑޫ ސިޓީގައި ވަގުފު އިމާރާތެއް އެޅުމުގެ މަސައްކަަތް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފަައިވަނީ ސާސޭ ކުންފުންޏާއެވެ.
އެންމެ މުހިއްމު މަޝްެރޫއެއްގެ ގޮތުގައި މިރޭގެ ރަސްމިއްޔާތުގައި ސޮއިކުރެވުނު މަޝްެެރޫއަކީ އައްޑޫ ސިޓީގައި 300 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް ވެވުނު އެއްބަސްވުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ މުހައްމަދު ނަޝާތު ރަޝީދު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޑީ އަހްމަދު ނިޔާޒެވެ.
ރައީސް އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން އެކި ރަށްރަށުގައި މުހިއްމު ގިނަ މަޝްރޫއުތައް ފެށިގެންދާއިރު، މިއަދު އައްޑޫގައި ސޮއިކުރެވުނު މަޝްރޫއުތަކުގެ އިތުރަށް ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްވެސް ފެށިގެންގޮސްފައިވެއެވެ. އަދި މިއީ ރައީސްގެ ދަތުރުފުޅެއްގެ ތެރެއިން އެއް ސިޓީއެއްގަައި ފެށިގެންދާ އެންމެ ގިނަ މަޝްރޫއުތައް ކަން ފާހަގަކުރެވެއެވެ.