ENGLISH
03 ފެބްރުއަރީ 2026
މިލިޓަރީ މަތިންދާ ބޯޓްތައް ހޯދާ އެމްއެންޑީއެފަކީ ވަރުގަދަ މިލިޓަރީ ބާރަކަށް ހައްދަވާނެ: ރައީސް
05 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް މިލިޓަރީ މަތިންދާ ބޯޓްތައް ހޯދުމަށް ނިންމަވާ އެ މަަސައްކަތް ފައްޓަވާފައިވާ ކަމަށާ އެމްއެންޑީއެފަކީ ވަރުގަދަ މިލިޓަރީ ބާރަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެންޑީއެފް ގަން އެއަރ ސްޓޭޝަން ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ގަން އެއަރ ސްޓޭޝަނާއެކު ހުޅުވިގެން ދިޔައީ މުހިންމު ސަފްހާއެއް ކަމަށެވެ.
އަދި ވިދާޅުވީ ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ދިވެހި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށް ޔަޤީންކޮށްދިނުމުގައި އެމްއެންޑީއެފަށް ހުރިހާ ދާއިރާއަކުން ހުރިހާ މާނައެއްގައި ކަންކަން ފަހިކޮށްދެއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާ އަދި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށެވެ.
އެމްއެންޑީއެފްގެ އެއަރ ކޯ އުފައްދަވާ ވަސީލަތްތައް ހޯއްދަވައިދެއްވާފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އުތުރާއި ދެކުނުގައި އެއަރ ސްޓޭޝަންތައް ޤާއިމު ކުރައްވާނެ ކަމަށެވެ. ދެކުނުގައި އެ ސްޓޭޝަން ހުޅުވިގެންދިޔައިރު އުތުރުގައި ށ އަތޮޅުގެ ފުނަދޫގައި ސްޓޭޝަން ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްއެންޑީއެފްގެ ވައިގެ ބާރާއި ކަނޑު އަދި އެއްގަމުގެ ބާރަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލަތްތައް ހޯއްދަވައި ދެއްވުމަކީ ދައުލަތުން ވަރަށް އިސްކަން ދެއްވާނެ ކަމެއް ކަމަށެވެ. އެގޮތުން ކޯސްޓްގާޑްގެ ފްލީޓް ދެ ގުނަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާ މެރިންކޯ އަށް ވަސީލަތްތައް އިތުރުކޮށް ދެއްވުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
ސިފައިންގެ އިންސާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވި އަދި ރޭވިފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޤައުމުގެ ހަމަޖެހުމާއި މިނިވަންކަމުގެ ޔަޤީންކަން އޮތުމަކީ އިންވެސްޓަރުންނަށް ދެވޭނެ އެންމެ ފަހި ސިގްނަލް ކަމަށެވެ.
"އަޅުގަނޑުމެންގެ ޤައުމު އިޤްތިސާދީ ގޮތުން ހުޅުވާލުމަށްޓަކައި މި ކުރެވޭ މަސައްކަތުގައި މި ޤަައުމުގައި ވަރުގަދަ މިލިޓަރީ ބާރެއް އެމްއެންޑީއެފްގައި ޤާއިމުވެފައި އޮތުމަކީ ހަމަ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،"
ރައީސް ވިދާޅުވި ގޮތުގައި މިއަދު ހުޅުވުނު ގަން އެއަރ ސްޓޭޝަންގައި އިތުރު ޓްރެއިން ފެސިލިޓީއެއް ޤާއިމު ކުރައްވާނެ އެވެ. އަދި ސިފައިންގެ ރަށްތައް ކަމަށްވާ ގިރިފުއްޓާއި މާފިލާފުށި ތަރައްޤީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ނެޝަނަލް ސަރވިސް ޕްރަގްރާމް ފެށިފައިވާކަން ފާހަގަ ކުރައްވާ އެއީ ދިވެހި ޤައުމުގެ މުސްތަޤްބަލަށްޓަކައި ވަރަށް މުހިންމު ކަންކަން ކަމުގައި ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މިކަންކަން ކާމިޔާބުވުން ވެގެންދާނީ މި ޤައުމު މިނިވަން, މުސްތަޤިއްލު, ތަރައްޤީ ހާސިލު ވަމުންދާ, ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް މިކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމަށް. 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓްގައި މި ޤައުމު ގުނާލެވޭނީ ހަމަ ޔަޤީނުންވެސް މި ޤައުމުގައި ވަރުގަދަ ހުރިހާ ދާއިރާއަކުންވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮތް ޤައުމަކަށް ވެގެން,"
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އެމްއެންޑީއެފަށް މިލިޓަރީ މަތިންދާ ބޯޓްތައް ހޯދުމުގެ މަސައްކަތް ކުރުމަށް ނިންމަވާ އެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ. އަދި ޓޯޓަލް ޑިފެންސް އީކޯ ސިސްޓަމެއް ޤާއިމުކުރެއްވުމަކީ ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހެއް ކަމަށެވެ.
އެމަނިކުފާނު ތަކުރާރު ކުރައްވާ ވިދާޅުވީ އެމްއެންޑީއެފަކީ ވަރުގަދަ ފޯސްއަކަށް ހެއްދެވުމުގެ މަސައްކަތް ހުރިހާ މާނައެއްގައި ކުރައްވާނެ ކަމަށެވެ.