ENGLISH

05 ނޮވެމްބަރު 2025

Advertisement

ޝާހިދު ދެއްވި ޔަގީންކަން؛ މި ދައުރުގައި ހުޅުދޫ-މީދޫއަށް ބޮޑު ކުރިއެރުމެއް ލިބޭނެ

05 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސް ހުޅުދޫއާއި މީދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މެންބަރު ޝާހިދު މަރުހަބާ ވިދާޅުވަނީ، ފޮޓޯ: ރައީސް އޮފީސް

އައްޑޫ އަތޮޅުގައި ވަކިން އޮންނަ ދެ ރަށް ކަމުގައިވާ ހުޅުދޫއާއި މީދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ބޮޑު ތަރަައްގީއެއް ހާސިލުކުރެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. 

ޝާހިދު މިފަދައިން ވިދާޅުވީ އައްޑޫގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހުޅުދޫއާއި މީދޫއަށް ވަޑައިގެން އެ ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި ހުޅުދޫއާއި މީދޫ އޮތުމުގެ ސަބަބުން އެ ދެ ރަށުގެ ކުރިއެރުމަށް ހުރަސްއެޅިފައިވާކަން އިހުސާސުކުރެވިގެން އެ މައްސަލަ ހައްލުކޮށްދިނުމަށް ތަކުރާރުކޮށް އެކި ސަރުކާރުތަކުގައި ދެ ރަށުގެ ރައްޔިތުން އެދި އާދޭސްކުރި ނަމަވެސް އެއްވެސް ވެރިޔަކު އެކަމަށް ހައްލެއް ހޯދައިނުދެއްވިއެވެ. 

އެ ޝިކާޔަތު އަޑުއައްސަވަައި އެ މައްސަލައަށް ހައްލެއް ހޯދައިދެއްވި ރައީސަކީ ޑރ.މުޢިއްޒުކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ރައްޔިތުން ޒަމާންތަކެއް ވަންދެން އެދިގެން ތިބި ކަމަކާމެދު ގޮތެއް ނިންމަވައިދެއްވަން ކުރީގެ ވެރިންނަށް ކެރިވަޑައިނުގަތް ނަމަވެސް ރައީސް ޑރ.މުޢިއްޒު އެ ދެ ރަށުގެ ރައްޔިތުންނަށް އެ ރައްޔިތުން އެދޭ ހައްލު ހޯދައިދެއްވި ކަމަށެވެ. 

"އެއްވެސް ސިޔާސީ ވެރިއަކަށް އެއްވެސް ވެރިއަކަށް މިއަދާ ހަމައަށް ދިޔައިރު ވެސް މިފަދަ ރައްޔިތުން އެދިގެން ތިބި ކަމަކާ ދޭތެރޭގައި އެއްވެސް ކަހަލަ އަމަލީ ސިފައެއް ގެންނަން ނުކެރުނު. އެ މަނިކުފާނު އަޅުގަނޑުމެންނަށް އެކަން ކޮށްދެއްވީ،" ޝާހިދު ވިދާޅުވިއެވެ. 

ވަކިން އޮންނަ އޮތުމަކީ މީދޫއާއި ހުޅުދޫގެ ނިކަމެތިކަން ކަމުގައި ބައެއް މީހުން ސިފަކުރި ނަމަވެސް އެ ދެ ރަށުގެ ބިމުގެ ބޮޑުމިނާއި އާބާދީގެ ބޮޑުމިނަށް ބަލާއިރު އެ ދެ ރަށަކީ ނިކަމެތި ދެ ރަށް ނޫން ކަމަށާއި، އެ ދެ ރަށަކީ ތަރައްގީގެ ފުރުސަތުތައް ގިނަ ދެ ރަށް ކަމުގައި ޝާހިދު ވިދާޅުވިއެވެ. 

"އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިއަދުގެ ސަރުކާރުން މާތްﷲ އިރާދަކުރެއްވިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި ދެރަށް ވެގެންދާނީ ދުބާއީ އާއި އަބޫދާބީއަށޭ. މިއީކީ ސަމާސާ ވާހަކައެއް ނޫން،" އެ ދެ ރަށުގެ ރައްޔިތުން އެދޭ ތަރައްގީއާއި ކުރިއެރުން ރައީސް މުއިއްޒުގެ ޒައާމަތުގައި ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން އަރުވަމުން ޝާހިދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު