ENGLISH

05 ނޮވެމްބަރު 2025

Advertisement

އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އައްޑޫ ބުރިޖުގެ މަސައްކަތް ފެށުން: ރައީސް

05 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރައްވަައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

އައްޑޫ ހުޅުދޫއާއި އެ އަތޮޅު ހިތަދޫ ގުޅުވައިލާ ބްރިޖުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރު ތެރޭގައި ފެށުމަކީ ސަރުކާރުގެ އަމާޒުކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އައްޑު އަޮތޮޅަށް މިއަދު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫއާއި މީދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ދެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފަައިވާ ވައުދުފުޅުތައް ފުއްދެވުމުގެ މަސައްކަަތް ވަރަށް ހަލުއިކަމާއެކު ސަރުކާރުން ކުރަމުންދާ ކަމަށެވެ. 

އެގޮތުން އިދާރީ ގޮތުން ދެ ރަށް ހިންގުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވުމުގެ ގޮތުން ދެ ރަށުގެ އިދާރީ ހިންގުން އަައްޑޫ ސިޓީއާ ވަކިކުރުމާމެދު ދެ ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދައި ރައްޔިތުން އެދުނު ގޮތަށް ދެ ރަށް އައްޑޫ ސިޓީން ވަކިކޮށް، މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ހުޅުދޫއާއި މީދޫ ކަނޑައަޅުއްވައި، ދެ ރަށުގައި ރަށު ކައުންސިލުތައް އުފެއްދެވުމަށް ނިންމަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. 

ދެ ރަށުގެ ރައްޔިތުންގެ ނިންމުން ތަންފީޒުކުރެވިގެންދިޔަ ދިއުމަކީ ދެ ރަށުގެ ތަރައްގީގެ ފެށުން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ނިންމުމުގެ ސަބަބުން އަސާސީ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހިކަމުގެ ހިދުމަތްތައް ގާތުން، ރައްޔިތުން އެދޭ ގޮތަށް ލިބިގެންދާނެ ގޮތަށް މިހާރު މަގުފަހިވެފައިވާ ކަމަށެވެ. 

ހުޅުދޫ އަދި މީދޫ ކައުންސިލު އިންތިހާބުކުރުމުގެ ކުރިން އެ ކައުންސިލުތަކަށް ބޭނުންވާ އިމާރާތްތައް ގާއިމުކޮށް މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސްވަނީ މިއަދު އެ ދެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. 

"ސަރުކާރުން މިހާރުވެސް މަސައްކަތް ފަށައިފިން، މުނިސިޕަލް ހިދުމަތް ދިނުމަށް ދެ ރަށުގެ ކައުންސިލަށް ބޭނުންވާ ޖާގަ މިހާރު ހުރި އިމާރާތްތަކުގެ ތެރެއިންނާއި އަދި ޖާގަ އިތުރުކުރަންޖެހޭނަމަ އެ މަސައްކަަތްވެސް ކައުންސިލު އިންތިހާބު ނިމި އައު ކައުންސިލުގެ މަސައްކަަތް ފަށަންވާއިރަށް ގާއިމުކޮށްދޭން،" ރައީސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް މިއަދުގެ ރަސްމިއްޔާތުގައި ސޮއިކުރެވުނު އެ ދެ ރަށުގެ ހޮސްޕިޓަލާއި އައްޑޫ އަތޮޅު މަދުރަސާގެ އައު އިމާރާތުގެ މަސައްކަތަކީ ވަރަަށް މުހިއްމު ދެ މަޝްރޫއުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ދެ މަޝްރޫއު ހަވާލުކުރެވުނީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށްފަހު ކަމުގައެވެ. އެގޮތުން ފައިސާއާއި އެނޫންވެސް ކަންކަނަް ހުރީ ހަމަޖެހިފައި ކަމުގައި ރައީސް ވިދާޅުވިއެވެ. 

އަދި މިއަދުގެ ދަތުރުފުޅުގެ ތެރެއިން އަމަލީ ގޮތުން ފެށުނު މަސައްކަތްތަކަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ އެ ހުރިހާ މަޝްރޫއެއްވެސް ފަށާފައިވަނީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބެންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. 

ހުޅުދޫ މަސް ކާރުހާނާ އިތުރަށް ބޮޑުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބުރިޖުގެ ސާވޭ ހެދުމަށް ދުނިޔޭގެ ފެންވަރުގައި އެ މަސައްކަތް އެންމެ ރަނގަޅަށް ކުރާ އެއް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ހަ މަސްދުވަހުގެ ތެރޭގައި ބުރިޖުގެ ކުރެހުންތަކާއި އެހެނިހެން ޓެކްނިކަލް ތަފުސީލުތައް ނިންމުމަށެވެ. 

"ހަ މަސްދުވަހުގެ އެގްރިމެންޓެއް އެއޮތީ ހެދިފައި. މަސައްކަތްވަނީ ފަށާފައި. އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި އެ ލިޔެކިޔުން ނިންމައި ސަރުކާރާ ހަވާލުކުރާނެ. އެ މަސައްކަތް ނިމުމާއެކު އަންނަ އަހަރުގެ ތެރޭގައި ބުރިޖުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު. އިރާދަކުރެއްވިއްޔާ އެގޮތަށް އެ މަސައްކަތް ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި އައްޑޫ އަތޮޅަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިއްމު ވައުދުފުޅަކީ އައްޑޫއަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ކަމަަށެވެ. އެކަމުގައި ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވޭ ހިސާބަށް މަސައްކަތް ގެނެވި އަންނަ ޑިސެންބަރު މަހުގައި އެތަން ހުޅުވުމަކީ ވަޒީފާގެ ފުރުސަތުތައް އައްޑޫ ރައްޔިތުންނަށް ފަހިވާނެ ކަމެއްކަމުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާއިން އައްޑޫއަށް އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް އެގޮތަށް ފުދިގެންދާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު