ENGLISH
04 ނޮވެމްބަރު 2025
ސިނގިރޭޓް ވައްކަން؛ ކޮންޓެއިނަރުތައް ވަގަށް ނަގާ އެއްގޮތް ދެ ކޮންޓެއިނަރު ހުރީ ބަހައްޓާފައި
04 ނޮވެމްބަރު 2025
|
އެމްޕީއެލް --
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގީ އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމް.ޕީ.އެލް ޓާރމިނަލްގައި ބެހެއްޓުމަށް ފަހު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފި އެވެ.
ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ވަގަށް ނެގީ މި އަހަރުގެ އެޕްރީލް 26 ވަނަ ދުވަހު އެވެ. ސިނގިރޭޓް ވަގަށް ނަގައިފައިވާ މައްސަލަ، ފުލުހަށް ހުށައަޅާފައިވަނީ އޮކްޓޫބަރު ނުވަވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިރޭ ވަނީ ބަޔާނެއް ނެރެ އެ މައްސަލައިގެ ތަޙުޤީޤާއި ގުޅޭ ބައެއް މުހިންމު މައުލޫމާތު ހިއްސާކޮށްފަ އެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، މި ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމް.ޕީ.އެލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމް.ޕީ.އެލް ޓާރމިނަލްގައި ބެހެއްޓުމަށް ފަހު ކަމަށެވެ.
އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ވަނީ ހޯދާފައި ކަމަށްވެސް ބުންޏެވެ.
މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް ފަރާތަކަށް އެނގޭ ކަމަށްވާނަމަ، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން މިހައިތަނަށް ޖުމުލަ ނުވަ މީހަކު ހައްޔަރުކޮށް، މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އަނެއް ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ނޮވެންބަރު ފުރަތަމަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނޭ ކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި މިހައިތަނަށް 19 މީހަކު ފުރުން މަނާކޮށްފައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސް ކޮށްފައިވެ އެވެ.