ENGLISH
11 އޭޕްރީލު 2025
ގޯލްޑް ކަޕް 2024: ނައިފަރު ބަލިކޮށް، އަލިފުށި ދެވަނަ ބުރަށް
29 ނޮވެމްބަރު 2024
|
އަލިފުއްޓާއި ނައިފަރު ރޭ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އަބްދުﷲ އަބީދު
ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ބުރާސްފަތި ދުވަހުގެ ރޭ ޅ. ނައިފަރާއި ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، ރ. އަލިފުށިން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.
މުބާރާތުގެ ދެވަނަ ބުރުން 12 ޓީމަކަށް ޖާގަލިބޭއިރު، ތިން ޓީމަކުން މިހާރު މިވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ.
ދެވަނަ ބުރުގެ ޖާގަތައް ކަށަވަރުކުރި ޓީމުތަކަކީ، މާލެ ސިޓީ އާއި ބ. އޭދަފުށީގެ އިތުރުން އަލިފުއްޓެވެ. މި ތިން ޓީމުން ވެސް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެ، ދެވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އަލިފުށިން ވަނީ ލީޑު ނަގައިފަ އެވެ. އަލިފުއްޓަށް ލީޑު ނަގައިދިން މި ލަނޑު އެ ޓީމަށް ޖަހައިދިނީ، އަހުމަދު ހުސާމް (ހުސާންކޮ) އެވެ. ހުސާންކޮ ގޯލް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. ނައިފަރުން ވެސް ވަނީ ކައުންޓަރ އެޓޭކުގައި ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެހެން ނަމަވެސް އެންމެ ރަނގަޅަށް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.
ދެ ވަނަ ހާފުގައި އަލިފުށީގެ ދެ ވަނަ ލަނޑު ޖެހީ، އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އާދަމް އިމްރާން (އިންނަ) އެވެ. އަލިފުށި ޓީމުގެ ކެޕްޓަން، މުހައްމަދު ރަޝީދު (ހޮކޭ) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އިންނަ ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.
ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދި އަލިފުއްޓެވެ. މި ގުރޫޕުގައި ދެން އޮތް ނައިފަރާއި، ބ. ކެންދޫ އަދި ކ. މާފުށްޓަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މުބާރާތުގެ ގްރޫޕް އޭގައި ފަސް ޓީމު ހިމެނޭއިރު، މި ގްރޫޕުން ފުވައްމުލަކު ސިޓީ ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެެވެ. އެކަމަކު، އެ ޓީމަށް އަދި ދެ ވަނަ ބުރު ޔަގީން ނުވެއެވެ. އެޓީމަށް ދެވަނަ ބުރު ޔަގީންކުރަން އަދި އެއް ޕޮއިންޓް ބޭނުންވެ އެވެ.