ENGLISH
11 އޭޕްރީލު 2025
ޕޯޗުގަލްއިން ޕޫމާއާ އެކު ކިޓް އެއްބަސްވުމެއްގައި ސޮއިކޮށްފި
28 ނޮވެމްބަރު 2024
|
ރޮނާލްޑޯ
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްޕީއެފް) އިން ޕޫމާ އާ އެކު ދިގު މުއްދަތުގެ ކިޓު އެއްބަސްވުމެއްގައި ސޮއިކޮށް، ނައިކީއާ އެކު އޮތް 27 އަހަރުގެ ގުޅުން ނިމުމަކަށް ގެނެސްފިއެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް ޕޫމާ އިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި އެއްބަސްވުމުގެ ދަށުން، ޕޯޗުގަލްގެ ފިރިހެން އަދި އަންހެން ޤައުމީ ޓީމުތަކުގެ އިތުރުން އެ ގައުމުގެ ފުޓްސަލް، ބީޗް ސޮކަރ އަދި އީ-ސްޕޯޓްސް ޓީމުތަކުގެ ކިޓްތައް އުފައްދާނީ ޕޫމާ އިންނެވެ.
ޕޫމާ އިން މިހާރު ވެސް މެންޗެސްޓާ ސިޓީ، އޭސީ މިލާން، ބޮރޫޝިއާ ޑޯޓްމުންޑް، ޕަލްމެއިރާސް އަދި އޮލިމްޕިކް މާސޭ ފަދަ ކްލަބުތަކާ އެކު އެއްބަސްވުންތައް ހަދާފައިވެއެވެ. އަދި، އޮސްޓްރިއާ، އައިސްލެންޑް، ޗެކް ރިޕަބްލިކް، ގާނާ، އައިވަރީ ކޯސްޓް، ސެނެގޯލް، މިސްރު، މޮރޮކޯ އާއި ސުވިޒަލޭންޑް އަދި ޕެރަގުއޭގެ ޤައުމީ ޓީމުތަކާއެކު ވެސް އެއްބަސްވުންތައް ވަނީ ހަދައިފައެވެ.
"މަތީ ފަންތީގެ ޤައުމީ ޓީމަކާ ގުޅުން ބަދަހިކުރުމަކީ ފުޓްބޯޅައިގައި އަޅުގަނޑުމެންގެ އިސްކަންދޭ ކަންތައްތަކުގެ ތެރެއިން އެއްކަމެއް. އަދި ޕޯޗުގަލް ފަދަ މަޤްބޫލު ޓީމެއް ޕޫމާ ފެމިލީގައި ހިމެނުމާމެދު އަހަރެން ވަރަށް އުފާވޭ،" މި އެއްބަސްވުމާ ގުޅޭގޮތުން ޕޫމާގެ ސީއީއޯ އާނެ ފްރޫންޓް ވިދާޅުވިއެވެ.
މީގެކުރީން، ޕޫމާ އިން ވަނީ، 1960 ގެ އަހަރުތަކުގައި ޕޯޗުގަލްގެ ކުރީގެ ލެޖެންޑެއް ކަމަށްވާ، ޔުސޭބިއޯ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި، 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު އެ ފަހަރުގެ މުބާރާތުގެ ރަންބޫޓް ހާސިލްކުރުމުން ޔުސޭބިއޯގެ ޝަރަފުގައި މަޝްހޫރު ފޫމާ ކިންގްސް ބޫޓް ވަނީ އުފައްދައިފައެވެ.
އެކަމަކު ޕޯޗުގަލްގެ ތަރި އުމުރުން 39 އަހަރުގެ ރޮނާލްޑޯ ވަނީ، 2003 ވަނަ އަހަރުން ފެށިގެން ނައިކީ އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އޭނާ އަކީ ނައިކީގެ އެންމެ ފާހަގަކޮށްލެވޭ އެތުލީޓުންގެ ތެރެއިން އެކެކެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައި ރޮނާލްޑޯ ވަނީ ނައިކީ އާއެކު އޮތް އެއްބަސްވުން އާކޮށް، އަހަރަކު ގާތްގަނޑަކަށް 24 މިލިއަން ޔޫރޯ ( 27 މިލިއަން އެމެރިކާ ޑޮލަރު) ގެ އާ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.
ޕޫމާ އާ އެކު ހެދި އާ ކިޓް އެއްބަސްވުމަށްފަހު ޕޯޗުގަލް ގައުމީ ޓީމު ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރުގެ މާރޗް މަހު ފަށާ ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގައެވެ.