ENGLISH

11 އޭޕްރީލު 2025

Advertisement

ރެއާލްގެ އަނިޔާގެ ލިސްޓަށް ކަމަވިންގާގެ ނަން އިތުރުވެއްޖެ

28 ނޮވެމްބަރު 2024

|

ޢަލީ ޝާހީން

އެޑުއާޑޯ ކަމަވިންގާ - ފޮޓޯ: ގޫގުލް

ސްޕެއިނުގެ ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ އަނިޔާގެ ލިސްޓަށް އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު، އެޑުއާޑޯ ކަމަވިންގާގެ ނަން އިތުރުވެއްޖެއެވެ.

އުމުރުން 22 އަހަރުގެ ކަމަވިންގާގެ ވާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ލިވަޕޫލް އަތުން 2-0 އިން ރެއާލް ބަލިވި މެޗުގައެވެ. މި އަނިޔާގެ ސަބަބުން، އެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކަމަވިންގާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ސްޕެއިނުގެ މިޑްފީލްޑަރު، ޑެނީ ސެބާޔޯސް އެވެ.

މީގެކުރީން، މިދިޔަ އޮގަސްޓް މަހު، ކަމަވިންގާގެ ވާތުފައިގެ ކަކުލުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކްލަބާއި ގައުމީ ޓީމު ހިމެނޭ ގޮތަށް މުޅިއެކު 12 މެޗު ވަނީ ގެއްލިފައެވެ.

ރެއާލްގެ ކޯޗު، ކާލޯ އަންޗެލޮޓީގެ ޓީމަށް މުހިންމު މި ކުޅުންތެރިޔާ އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ، ގިނަ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެނަމަ، ޓީމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. އެއީ، ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ވިންޓަރބްރޭކްގެ ކުރީން އެ ޓީމަށް ބާކީ ހަތް މެޗު ކުޅެން އޮތުމުންނެވެ. 

މި ފަހަރުގެ ސީޒަންގައި މިހާ ހިސާބަށްއައިއިރު ރެއާލަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ.  އަނިޔާގެ ސަބަބުން މިދިޔަ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު، ތިބައު ކޯޓުއާ ވަނީ މިދިޔަ ދެ މެޗުގައި ކުޅެފައެވެ. 

މި ވަގުތު ރެއާލްގައި އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި، ބްރެޒިލްގެ ޑިފެންޑަރު، އެޑާ މިލިޓާއޯ އާއި ސްޕެއިނުގެ ފުލްބެކް، ޑެނީ ކާވަހާލް އަދި އޮސްޓްރިއާގެ ޑޭވިޑް އަލަބާ ހިމެނެއެވެ. މީގެތެރެއިން، މިލިޓާއޯ އާއި ކާވަހާލް އަށް ކުރިމަތިވެފައިވާ އޭސީއެލް އަނިޔާގެ ސަބަބުން މި ސީޒަނުގައި ދެން ފެނުމުގެ ފުރުޞަތު ވަނީ ހަނިވެފައެވެ. 

މީގެއިތުރުން، އެ ޓީމުގެ މެދުތެރޭގައި ހިމެނޭ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ، ފްރާންސްގެ މިޑްފީލްޑަރު، އައުރެލިން ޗުއަމެނީ ވެސް ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދަމުންއަންނައިރު، މި ހަފްތާގައި އެ ޓީމުގެ ބްރެޒިލް ވިންގް، ވިނީޝިއަސް ޖޫނިއާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ، ތިން ހަފްތާއެއްހާ މުއްދަތަށް ވަނީ ކުޅުމާ ދުރަށް ދާން ޖެހިފައެވެ.

"މިދިޔަ އަހަރު ވެސް ފެނުނީ މާ ތަފާތުކޮށެއް ނޫން. މިކަހަލަ މައްސަލަތަކާ ކުރިމަތިލާން ޖެހުނު،" ލިވަޕޫލް އަތުން ބަލިވި މެޗަށްފަހު ކޯޗު، އަންޗެލޮޓީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު