ENGLISH
10 އޭޕްރީލު 2025
އިންޓަ މަޔާމީއާ އެކު އިތުރު ސީޒަނަކަށް މަޑުކުރަން ސުއަރޭޒް އެއްބަސްވެއްޖެ
28 ނޮވެމްބަރު 2024
|
ލުއިސް ސުއަރޭޒް - ފޮޓޯ: ގޫގުލް
އުރުގުއޭގެ ލެޖެންޑް، ލުއިސް ސުއަރޭޒް އިންޓަ މަޔާމީ އާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކުރަން އެއްބަސްވެއްޖެއެވެ.
އުމުރުން 37 އަހަރުގެ ސުއަރޭޒް، މަޔާމީ އާ އެކު ހަދާފައިވާ އެއްބަސްވުން އާކުރަން ނިންމާފައިވާ ކަމަށް އެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެކުރިން، ލިވަޕޫލާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅެފައިވާ ސުއަރޭޒް، މަޔާމީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ސުއަރޭޒް ވަނީ އެމްއެލްއެސްގެ ރެގިއުލާ ސީޒަނުގެ އެއްވަނަ މަގާމު މަޔާމީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް، މަޔާމީ އަށް ޕްލޭއޮފްގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވެ، ވަނީ ކަޓައިފައެވެ.
ސުއަރޭޒް ވަނީ މިހާތަނަށް މަޔާމީ އަށް ކުޅެދިން 27 މެޗުގައި 20 ލަނޑުޖަހައިފައެވެ. އޭނާ އާ އެކު ބާސެލޯނާގައި ކުޅުނު ލިއޮނެލް މެސީގެ އިތުރުން ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ވެސް މިހާރު ތިބީ މަޔާމީ ގައެވެ.
"ލުއިސް އަކީ މި ސީޒަންގައި އަހަރެމެންގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެކަންޏެއް ނޫން. އޭނާއަކީ މި ޓީމަށް ލީޑަރޝިޕް ދިން ކުޅުންތެރިއެއް. އޭނާގެ އިމްޕެކްޓާމެދު ދެބަސްވާނެ ޖާގައެއް ނެތް،" ކްލަބުގެ ފުޓްބޯޅަ އޮޕަރޭޝަންސްގެ ރައީސް، ރައުލް ސަންލެހީ ބުންޏެވެ.
އުރުގުއޭ ގައުމީ ޓީމުން މިދިޔަ ސެޕްޓެމްބަރު މަހު، ރިޓަޔާކޮށްފައިވާ، ސުއަރޭޒް ވަނީ އެ ޓީމަށް 143 މެޗުގައި 69 ލަނޑުޖަހައިދީފައެވެ. ސުއަރޭޒް އަކީ އުރުގުއޭ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިފައިވާ ކުޅުންތެރިޔާ ވެސް މެއެވެ. އަދި، ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރުމަށް ފަހު، ސުއަރޭޒް ވަނީ މަޔާމީ އަކީ އޭނާގެ ކެރިއަރުގެ އެންމެ ފަހު ކްލަބު ކަމަށް ބުނެފައެވެ.