ENGLISH
11 އޭޕްރީލު 2025
ޔަމާލްއަށް މިއަހަރުގެ ޔޫރަޕިއަން ގޯލްޑަން ބޯއީގެ އެވޯޑް ލިބިއްޖެ
28 ނޮވެމްބަރު 2024
|
ލަމީން ޔަމާލް އެވޯޑާއެކު
ސްޕޭނުގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއަށް މިއަހަރުގެ ޔޫރަޕިއަން ގޯލްޑަން ބޯއީގެ އެވޯޑް ލިބިއްޖެއެވެ.
މިއީ 2003 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޔޫރަޕްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް، އިޓަލީގެ ނޫހެއް ކަމަށްވާ ޓުޓޯ ސްޕޯޓްއިން ދޭ އެވޯޑެކެވެ.
އުމުރުން 17 އަހަރުގެ ޔަމާލް އަކީ މި އެވޯޑު ހާސިލުކުރި އެންމެ ހަގު ކުޅުންތެރިޔާއެވެ.
ބާސެލޯނާ އަދި ސްޕެއިންގެ ވިންގް، ޔަމާލް މި އެވޯޑް ހޯދީ ތުރުކީ އަދި ރެއާލް މެޑްރިޑްގެ ހުނަރުވެރި މިޑްފީލްޑަރު، އާރދާ ގުލާ އާއި ފްރާންސްގެ ޕީއެސްޖީގެ މިޑްފީލްޑަރު، ވަރެން ޒަޔަރް-އެމެރީއާ ވާދަކޮށްގެންނެވެ.
އެންމެ ފަހުގެ ޔޫރޯ، ސްޕެއިންއިން ކާމިޔާބު ކުރުމުގައި އެންމެ ހިއްސާ ބޮޑު އެއް ކުޅުންތެރިޔަކީ ވެސް ޔަމާލްއެވެ. ސެމީ ފައިނަލުގައި ފްރާންސް ކޮޅަށް ގޯލެއް ޖަހައި މުބާރާތުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ޔަމާލް ވަނީ ހަދައިފައެވެ. އަދި ފައިނަލުގައި އިންގްލޭންޑްގެ ކޮޅަށް ގޯލެއް ޖަހައި ޔޫރޯ ކާމިޔާބުކުރި ޓީމުގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިޔާގެ މަޤާމު ވެސް އޮތީ ޔަމާލް އަތުގައެވެ. ޔަމާލް ވަނީ މިދިޔަ މަހު ބޭއްވި ބެލަންޑިއޯ އެވޯޑްގައި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ ޓްރޮފީ ވެސް ހާސިލްކޮށްފައެވެ.
ބާސެލޯނާ ސްޕެނިޝް ލީގުގެ އެއްވަނަ މަގާމުގައި އޮތް އިރު ޔަމާލް ވަނީ 12 މެޗުން ފަސް ލަނޑު ޖަހާފައެވެ.