ENGLISH
20 އޮކްޓޯބަރު 2025
އަންނަ އަހަރުން ފެށިގެން ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ހަމަޖައްސައިދެނީ
19 އޮކްޓޯބަރު 2025
|
ކުޅިވަރު ވުޒާރާގައި ބޭއްވި ބައްދަލުވުމެއްގައި ވަޒީރު ޢަބްދުﷲ ރާފިޢު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން، އިންޝުއަރެންސްގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އިންޝުއަރެންސް ކުންފުނިތަކުން ޕްރޮޕޯޒަލް ލިބިފައިވާ ކަމަށާއި، އެހެންވެ އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ހޭދަވާނެ ފައިސާ އެކަށައަޅުއްވާފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރުގެ ކޮންމެވެސް ހިސާބެއްގައި އަޅުގަނޑުމެންނަށް އެކަން ރަސްމީކޮށް އިޢުލާންކުރެވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ރާފިޢު ވިދާޅުވީ، އިންޝުއަރެންސް ކުންފުނިތަކާއެކު އެންމެފަހުން ބޭއްވި މަޝްވަރާތަކަށްފަހު އައު ޕްރޮޕޯޒަލްތައް ވެސް ލިބިފައިވާ ކަމަށާއި، މި ހުރިހާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު މި އަހަރުގެ ތެރޭގައި އެކަން ރަސްމީކޮށް އިޢުލާންކުރައްވާނެ ކަމަށެވެ.
މިހާތަނަށް އައިއިރު ގިނަ އެސޯސިއޭޝަންތަކެއްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މެދުވެރިކޮށް ވެސް މިކަމަށް ބޭނުންވާ ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަދަދުތަކާއި އެންމެހައި މަޢުލޫމާތުތައް ކުޅިވަރު ވުޒާރާ އަށް ލިބިފައިވާ ކަމަށާއި، ގާތްގަނޑަކަށް މިހާރު ކުރިއަށްދަނީ ހުރިހާ ކަމެއް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ކަމަކީ އިންޝުއަރެންސް ކުންފުނިތަކުން ވެސް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީގެން ކުރަން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިކަން ކުރުމުގައި ކުރީން ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ސްކޮޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އެކަމުގައި އަމަލުކުރާނެ ގޮތްތަކެއް އެކުލަވާލާފައި ނުވުން ކަމަށެވެ. އޭގެތެރޭގައި، ތިން މަހެއްހާ ދުވަސް ފަހުން ކުއްޖެއްގެ އިންޝުއަރެންސް ނެގުމަށްފަހު، އެހެން ކުޅުންތެރިއަކަށް ދޭން ޖެހޭ ފަދަ ހާލަތްތަކުގައި ކުރިން އަމަލުކުރާނެ ވަކި ގޮތްތަކެއް ކަނޑައަޅާފައިނުވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިހާތަނަށް މިކަމުގައި ޙަޤީޤީ ކުލަ ޖެއްސުމުގައި ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ހުރަހަކީ، އާއްމުކޮށް ކުންފުނިތަކުން އިންޝުއަރެންސް ހަމަޖައްސައިދެނީ އަހަރެއްހާ ދުވަހުގެ މުއްދަތަށް ކަމަށްވުމުން އެކަންކަން ރަނގަޅަށް މެނޭޖްކުރާނެ ގޮތެއް ކަނޑައެޅިފައި ނެތުން ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް، އިންޝުއަރެންސް ކުންފުނިތަކާއެކު ބޭއްވި މަޝްވަރާތަކަށްފަހު އެކަމުގައި އަމަލުކުރާނެ ރަނގަޅު ގޮތްތަކެއް އެކުލަވާލެވި، ޕޫލެއް ހެދޭ ގޮތް ވުމާއެކު، އެ ކުންފުނިތަކުން ހަމަޖައްސައިދޭ ޕެކޭޖުތަކުގައި ހުންނާނީ ވަކި އަދަދުތަކަށް ކަނޑައެޅިފައި ކަމަށާއި، އެހެންކަމުން ދުއިސައްތައެއްހާ މީހުންގެ ތެރޭގައި ކިތަންމެ ވަރަކަށް ބަދަލުތައް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ހަމަޖައްސައިދިނުމުގެ މަސައްކަތުގައި އެސޯޝިއޭޝަންތަކުގެ ދައުރާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ކުޅުންތެރިއަކު ޓީމުން ބޭރުވެ، އައު ކުޅުންތެރިއަކު ގުޅޭ ހިސާބުން އެ ކުއްޖެއްގެ ފުރިހަމަ މަޢުލޫމާތުތައް އެ އެސޯސިއޭޝަންތަކުން ހިއްސާކުރަން ވާނެ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޤައުމީ ޓީމެއްގެ ސްކޮޑުގައި ހިމެނޭ ކޮންމެ އެތުލީޓަކަށް ވެސް އިންޝުއަރެންސް ލިބޭނެ ކަމަށާއި، ކޮންމެ ކުޅުންތެރިއެއްގެ ނުވަތަ ކުއްޖެއްގެ އަމާޒަކަށްވާން ޖެހޭނީ ކޮންމެ ކުޅިވަރެއް ކުޅެގެން ވެސް ޤައުމު ތަމްޞީލުކުރަން ހޮވާލާ ޓީމުގައި ހިމެނުމަށް ގަދައަޅައި މަސައްކަތްކުރުން ކަމަށެވެ.